ބޭސް ނުލިބޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެސްޓީއޯ އިން އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ އިންޑިއާގެ ޖަނައުޝަދި ސްކީމްގެ ދަށުން ރާއްޖެއަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހަދައިދިނުމަށް މި އެއްބަސްވުމަކީ މުހިންމު އެއްބަސްވުމެއް ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި މުހިންމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާކަމަށާއި ނަމަވެސް މި އެއްބަސްވުމުގެ ދާށުން ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނެ އިންތިޒާމުތައް ހަޖެހިގެންދާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން އިތުރަށް ބުނީ ހުރިހާ ބޭހެއްވެސް ހުންނާނީ ޑަބްލިއު އެޗް އޯ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވަިދުތަކާއި އެއްގޮތަށް ކަމަށެވެ. މީގެއިތުރުން ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އެޗްއެލްއެލް ލައިފްކެއާ އިން އެސްޓީއޯ އަށް މުހިންމު ބޭސްތައް ފޯރުކޮށްދީފައިވާކަމަށާއި، މި ކުންފުންޏަކީ އިތުބާރު ހިފޭ އަދި ވަގުތައް ހިދުމަތްދޭ ޕާޓްނަރެއްކަން ސާބިތުކޮށްދީފައިވާ ކަމަށްވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެތައް ޕަސެންޓެއްގެ ފައިދާއާ އެކު ނަހަމަ ގޮތުގައި ބޭހުގެ ވިޔަފާރި ކުރި ފަރާތްތައް ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅުތަކެއް އެޅުމުން ބައެއް ވިޔަފާރިވެރިން ބޭސް ގެނައުން ގަސްދުގައި ހުއްޓާލި ކަމަށާއި، މިއީ ވޭތުވެދިޔަ ދުވަސްތަކުގައި ބޭސް ލިބުމުގައި ދަތިތަކެއް ދިމާވާން ޖެހުނު ސަބަބު ކަމުގައި ވިދާޅުވެފައެވެ. އެއާއެކު ރައީސް ވަނީ ބޭހުގެ ދަތިކަން ހައްލު ކުރުމަށް މުހިންމު ފިޔަވަޅު ތަކެއް އަޅަމުން ދާކަމަށް ވިދާޅުވެފައެވެ.

އެގޮތުން އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ތެރެއިން 10 ބޭހެއް ފިޔަވައި ހުރިހާ ބޭހެއް އެސްޓިއޯގެ ބޭސް ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެ 10 ބޭސް ވެސް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.