މަސައްކަތްތެރިންގެ ހައްގުގައި ފާހަގަކުރާ މޭޑޭގައި އިދިކޮޅު އެމްޑީޕީން މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފިއެވެ.

އެމްޑީޕީ އިން މިފަދައިން އިއުލާނުކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެގޮތުން މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، އާޓިފިޝަލް ބީޗުގައި މެއި މަހުގެ 1 ވަނަ ދުވަހު ބާއްވާ މި ބޮޑު އެއްވުމުގައި ހައްގުތަކުގައި ދިފާއުގައި ގިނަ ބަޔަކު އަޑު އުފުލާނެ ކަމަށެވެ.

އެ ހަރަކާތް ފަށަން ނިންމާފައިވަނީ އެ ރޭގެ 8:30 ގައި ކަން ފާހަގަކުރައްވަމުން ބިގޭ ވިދާޅުވީ މި ސަރުކާރުން މަސައްކަތްތެރިންގެ އިތުރުން ވެސް ގިނަ ބައެއްގެ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށެވެ. އެއާއެކު ބިގޭ ވަނީ އަސާސީ ދަތިކަމެއް ތަހަންމަލުކުރަން ނުޖެހޭ މީހަކު މިހާރު ނެތް ކަމަށާއި، ކަރަންޓާއި ބޭސް ލިބުމުގައި ދިމާވަނީ ހުސް ދަތިތަކާއި ކަމަށް ވިދާޅުވެފައެވެ.

އެންމެ އަސާސީ އެއް ކަމަކީ ސިއްހަތު. ގަދަވެ ސަލާމަތުން ހުރުން. އެ ބޭސް ލިބުމުގައި ދަތިކަން އެބަހުރި. ލިބެންޖެހޭ ޚިދުމަތް ލިބުމުގައި ދަތިކަން އެބަހުރި
މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ވަޒީފާގެ މިނިވަންކަންވެސް ނެތް ކަމަށާއި، ހިޔާލު ތަފާތުވާ ބޭފުޅުން ވަޒީފާއިން ވަކިކުރަމުން ދާކަމަށްވެސް ބިގޭ ވަނީ ވިދާޅުވެފައެވެ.

މެއި މަހުގެ 1 ވަނަ ދުވަހަކީ ކޮންމެ އަހަރަކުވެސް މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ދާ ދުވަހެވެ.