މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާ ގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އުމުރުން 21 އަހަރުގެ ޒުވާން އަންހެން މީހާ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު (18 އޭޕްރީލް 2025) ގެ ހެނދުނުއެވެ. މި ހާދިސާ އާއި ގުޅިގެން އާންމުން ތުހުމަތުގެ އިނގިލި އެކި މީހުންނަށާއި އެކި އިދާރާތަކަށް ދިއްކުރަމުންދާ މި ދަނޑިވަޅުގައި އެޗްއާރްސީއެމް އިން ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައިވާ ގޮތުން އެ ހާދިސާއާ ގުޅިގެން އިދާރާތަކުން އަމަލުކުރަމުންދާ ގޮތް އެ ކޮމިޝަނުން ދަނީ ވަރަށް ގާތުން ތަހުގީގުކުރަމުންނެވެ.
އެގޮތުން މި ހާދިސާ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާ ކަމަށް ބުނެ އަދި މި މައްސަލައިގައި ޝާމިލްވާ ފަރާތްތަކަކީ ދައުލަތުގެ އިސް ފަރާތްތަކާ ގުޅުންހުރި ފަރާތްތަކެއް ކަމަށް ތުހުމަތުކޮށް މައްސަލައިގެ ތަހްގީގަށް ނުފޫޒު ފޯރުވަމުން ދާކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް އާންމުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވާތީ މި މައްސަލަ މި ކޮމިޝަނުން ތަހްގީގުކުރުމުގައި އެ ކަންކަމަށް ވެސް ރިއާޔަތް ކުރާނެ ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ.
އަދި އާއިލާގެ ފަރާތުން ފުލުހުންނާއި އެހެނިހެން އިދާރާތަކުގެ މަސައްކަތްތަކާމެދުވެސް ކަންބޮޑުވުން ހިއްސާކޮށްފައިވާކަން ފާހަގަކޮށް އެޗްއާރްސީއެމް އިން ބުނީ، ޖިނާއީ ތަހުގީގެއްގެ އިނީޝިއަލް ސްޓޭޖެއްގައި އަދި ވަށައިގެންވާ ހުރިހާ ހެކިތައް ދެނެގަނެ، އެ ހެކިތައް ހޯދުމަށް މަސައްކަތް ކުރަމުންދާ މަރުހަލާގައި ލިބިފައިވާ ވަކި ހެކިތަކެއް އެކަނި އާންމުކުރުމަކީ ތަހުގީގަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމެއް ކަމަށެވެ.
"އެގޮތުން، 2025 އެޕްރިލް 22 ވަނަ ދުވަހާއި މިއަދު (2025 އެޕްރިލް 24) ދިވެހި ފުލުހުންގެ ހިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައްސަލައިގައި އަނިޔާވި ފަރާތް އެންމެ ފަހުން ފެނިފައިވާ އިމާރާތާއި އިމާރާތުގެ ބޭރު ފެންނަ ސީސީޓީވީ ފުޓޭޖް އެކަނި ދައްކާފައިވުމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް" އެޗްއާރްސީއެމް އިން ބުންޏެވެ.
މީގެ އިތުރުން، 2025 އެޕްރިލް 22 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި ހާދިސާގައި އަނިޔާވި ފަރާތް ފިޔަވައި މައްސަލައާ ގުޅުންހުރި އެހެން ފަރާތްތަކުގެ ނަމާއި މައުލޫމާތު ހާމަކޮށްފައިނުވާއިރު، ހަމައެކަނި މި ހާދިސާގައި އަނިޔާވި ފަރާތުގެ މަޢުލޫމާތު ހާމަކޮށްފައިވުމަކީ، އަނިޔާވި ފަރާތާއި ހާދިސާގައި ހިމެނޭ އެހެން ފަރާތްތައް ތަފާތުކުރުން ކަމުގައި ބެލެވޭތީކަން ފާހަގަކޮށް ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން ވެސް ވަށައިގެންވާ ހުރިހާ ހެކިތަކަށް ރިއާޔަތްކޮށް ހާދިސާ ހިނގައިދިއަ ގޮތްކަމުގައި ވަކި ގޮތެއް ކަނޑައެޅޭނެ މަރުހަލާއަކަށް ފުލުހުންގެ ތަހުގީގު ގޮސްފައި ނުވަނީސް، ހާދިސާ ހިނގައިދިއަގޮތް ކަމަށް ދޭހަވާނެފަދަ ގޮތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނޫސްވެރިންނާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި މީގެ ސަބަބުން ފުލުހުންނާމެދު އާންމުންގެ އިތުބާރު ގެއްލި ތަހްގީގުގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭނެ ފަދަކަމަކެއްކަމުގައިވެސް އެ ކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވެއެވެ.
ފުލުހުންގެ ތަހްގީގް ކުރިއަށް ދާ ގޮތް މި ކޮމިޝަނުން މޮނިޓަރ ކުރަމުން ގެންދާނެކަން ތަކުރާރުކޮށް ކޮމިޝަނުން ވަނީ އަނިޔާވި ފަރާތާއި އެފަރާތުގެ އާއިލާގެ ގަދަރާއި ކަރާމާތަށް އިހްތިރާމްކޮށް، އެފަރާތުގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި އެއްވެސް ފަރާތަކުން އާންމު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.