"އެމްވީ ކޯލް ގާލްސް"ގެ ނަމުގައި ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލް ސީޒްކޮށްފިއެވެ.

ފުލުހުން ބުނީ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ ގޮތަށް "އެމްވީ ކޯލް ގާލްސް"ގެ ނަމުގައި ހިންގަމުން ގެންދިޔަ ޓެލެގްރާމް ޗެނަލް ސީޒްކޮށް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މަސްތުވާތަކެއްޗާއި ބަދުއަހުލާގީ އަމަލުތައް އިސްތިހާރުކުރި 5 ޓެލެގްރާމް ޗެނަލެއް ފުލުހުން ވަނީ މިދިޔަ މަހުގެ ތެރޭގައި ވެސް ސީޒްކޮށްފައެވެ. ފުލުހުން ސީޒްކޮށްފައި ވަނީ "ޖަޒީރާ އެޑްމިން"، "ޖަޒީރާ ގާލްސް"، "ޖަޒީރާ އެސްކޯޓް ގެލެރީ"، "ޖަޒީރާ ސްކޭމް އެލާޓް" އަދި "ޖަޒީރާ ލިންކް ހަބަރު" މި ޓެލެގްރާމް ޗެނަލްތަކެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ފަށައިގެން ހިންގަމުން ދިޔަ އެ ޓެލެގްރާމް ޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ ޗެނަލްތައް ހިންގިކަމުގެ ތުހުމަތުގައި މިދިޔަ މާޗް މަހުގެ ކުރީކޮޅު ފުލުހުން ހައްޔަރުކުރީ 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނެކެވެ. އޭގެ ތެރެއިން އެކަކަކީ ކުށުގެ ރެކޯޑު ގިނަ މީހެކެވެ.

މި މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްދޭން ފުލުހުން އެދުމުން ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ އަންހެން މީހާ ވަނީ އޭނާ ވަޒީފާއެއް އަދާކުރަމުންދާ ކަމަށް ބުނެ، ވީހާވެސް އަވަހަކަށް މައްސަލައިގެ ތަހްގީގު ނިންމައިދިނުމަށް އެދިފައެވެ. އެކަމަކު އެ މައްސަލަ ތަހްގީގުކުރަމުންދާ ފުލުހުންގެ އޮފިސަރު ވިދާޅުވީ، މައްސަލައިގެ ތަހްގީގު ނިމޭނެ ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށެވެ.

މި ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ "ޖަޒީރާ"ގެ ނަމުގައި ހިންގި ޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރު ވެސް 7،000 އެއްހާ މީހުން އެ ޗެނަލްތައް ފޮލޯކުރަމުން ދިޔަ ކަމަށެވެ. އަދި ހަށިވިއްކުމުގެ ވިޔަފާރިއެއް ހިންގުމަށް ހާއްސަ ޓެކްސީއެއް ވެސް ބުކް ކުރިކަން ފުލުހުންގެ ތަހްގީގުން ފާހަގަވެފައިވާ ކަމަށެވެ.