މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީގެ ހިންގުމުގެ ފައިދާ ދަށްވެއްޖެއެވެ.

އެމްޓީސީސީން ބުނީ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި 41.77 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނު 56.48 މިލިއަން ރުފިޔާ އަށް ވުރެ 14.71 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

އެ ކުންފުނީގެ ދެން ހުރި މާލީ ހިސާބުތަކުން ހާމަވާ ގޮތުގައި:

  • ޖުމްލަ އާމްދަނީގެ ގޮތުގައި 664.44 މިލިއަން ރުފިޔާ ލިބިފައިވޭ
  • ހިންގުމުގެ ފައިދާގެ ގޮތުގައި 41.77 މިލިއަން ރުފިޔާ
  • ޓެކުހަށް ކެނޑުމުގެ ކުރިން 6.17 މިލިއަން ރުފިޔާގެ ފައިދާ

މާލީ ހިސާބުތައް އާންމުކޮށް ނެރުނު ބަޔާނުގައި އެމްޓީސީސީން ބުނީ، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ އަށް ވުރެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ފައިދާ ދަށްވީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އުފުލިގެން ދިއުމުގެ ސަބަބުންނާއި، ބޭރު ފައިސާ ހޯދުމަށް ކުރަން ޖެހުނު ހަރަދު އިތުރުވުމާ ގުޅިގެން، ކުންފުނީގެ ސަޕްލައި ޗެއިނަށް ކުރި އަސަރުގެ ސަބަބުން ކަމަށެވެ.

އެހެންކަމުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށް ވުރެ ކުންފުންޏަށް ލިބުނު ފައިދާ ދަށް ކަމަށާއި، ނަމަވެސް ކުންފުންޏަށް ފައިދާވީ އެ ކުންފުނީގެ އިސްބޭފުޅުން އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އެމްޓީސީސީން ބުންޏެވެ.

ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީން ހާސިލްކުރި ބައެއް ލަނޑުދަނޑިތައް އަދަދުތަކުން:

  • 196 މަޝްރޫއެއް މިހާރު ވެސް ކުރިއަށް އެބަދޭ
  • ތިން މަޝްރޫއެއް ނިންމާލެވިފައިވޭ
  • އަށް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށިފައިވޭ
  • ހަ މަޝްރޫއެއްގެ މަސައްކަތް ފެށިފައިވޭ

ސަރުކާރު ބަދަލުވެ މިވީ 5 މަހެއްހާ ދުވަހުގެ ތެރޭގައި އެމްޓީސީސީގެ އާ މެނޭޖްމަންޓުން އަޅަމުން ގެންދާ ހަރުދަނާ ފިޔަވަޅުތަކާ އެކު ކުންފުނީގެ މިސްރާބު ހުރީ، ކެޕޭސިޓީ އިތުރު ކޮށް އެއްފަހަރާ ގިނަ އަދަދެއްގެ ޕްރޮޖެކްޓްތަކެއް ހިންގާ، އިތުރު ހަރުފަތްތަކަކަށް ދިޔުމަށެވެ. އަދި ކުންފުނީގެ ވިޔަފާރި ފުޅާކޮށް ޑައިވާސިފައި ކުރުމާއެކު އިތުރު ދާއިރާތަކަށް އިންވެސްޓް ކުރުމަކީވެސް ކުންފުނީގެ އަމާޒެއް ކަމަށް އާ މަނޭޖްމަންޓުން ބުނެފައި ވެއެވެ.

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުންފުނީގެ އަސްލު ހާލަތު ރައްޔިތުންނަށް އޮޅުވާލި ކަމަށް ވިދާޅުވެ އާ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ، އެމްޓީސީގެ ބޮޑު ދަރަންޏެއް އެބައޮތް ކަމަށާއި، އެމްޓީސީއާ ބެހޭ ގޮތުން މީޑިއާތަކަށް ކުރީގެ މެނޭޖްމަންޓުން ދީފައިވަނީ އެންމެ ރަނގަޅު މައުލޫމާތު ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، އާ މެނޭޖްމަންޓުން ހަވާލުވި އިރު މާލީ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި އެމްޓީސީގެ ދަރަނި 954 މިލިއަނަށް އަރާއިރު ކުންފުންޏަށް ލިބެން ޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި އޮތްކަމަށެވެ.