އުންމީދަކީ އަދި އަޒުމަކީ ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި 5 އަހަރުގެ ތެރޭގައި ހޯދައިދިނުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް ވިދާޅުވީ ސަރުކާރުގެ އުންމީދީ މަސައްކަތްތަކާއެކު ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގަކާއި ތިޔާގިކަމުގެ އެތައް ފުރުސަތެއް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން މަސައްކަތްތެރިންނަށްޓަކައި ކޮށްދެމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން ސިވިލް ސާވިސް އަދި ސިއްހީ ހިދުމަތްތަކުގައި އުޅުމަށްފަހު އެކި ސަބަބުތަކަށްޓަކައި މަސައްކަތާ ދުރުވެފައިވާ ފަރާތްތައް އަލުން މަސައްކަތުގެ މާހައުލަށް ނެރެން ކުރާ މަސައްކަތް ރައީސް ފާހަގަ ކުރެއްވިއެވެ.

އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ގޭގައި ބަހައްޓާ އުސޫލަށް ބަދަލުގެނެސް، އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ހިދުމަތްކުރެވޭނޭ ގޮތް ހަމަޖައްސައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުން ހަވާސާ ވިޔަނުދީ، އެކަށޭނަ މަސައްކަތްތަކެއް ކުރުމާއި ރަނގަޅު އުޖޫރައެއް ލިބުމުގެ ފުރުސަތު ހޯދައިދެމުންދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުގެ އުންމީދަކީ އަދި އަޒުމަކީ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅާއެކު، ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި 5 އަހަރުގެ ތެރޭގައި ހޯދައިދިނުމެވެ.
ރައީސް މުއިއްޒު

ސަރުކާރުގެ އެކި ހިދުމަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ އިނާޔަތްތައް އިތުރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ގައުމުގެ އިގްތިސޯދުގައި ބުންވަރު ޖެހެމުން ދިޔަ މިންވަރަކުން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ ހަމައެކަނި ހައްލު ނޫން ކަމަށެވެ.

މުސާރަ ބޮޑުކުރުމުގެ އިތުރުން މުވައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު އަބަދުމެ ދެމުން ގެންދަން ޖެހޭކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ސަރުކާރު މުވައްޒަފުންގެ އިތުރުން، އަމިއްލަ އެކި ވަޒީފާތަކުގައި އެކި ދާއިރާތަކުގައި ހިދުމަތްކުރާ މަސައްކަތްތެރިންނަށް ބޯހިޔާވަހިކަމުގެ ހާއްސަ ސްކީމްތައް ތައާރަފްކުރުން މުހިންމު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވޯ މަސައްކަތުގެ މާހާއުލުގެ ރައްކާތެރިކަމަށް ކުރަން ޖެހޭ ކަންކަމަށް އިސްކަން ދިނުން މުހިންމު ކަމަށެވެ. އަދި މަސައްކަތްތަކުގައި ކުރިއަށް ދިޔުމަށް ބޭނުންވާނެ ލުއި ލޯން ސްކީމްތަކާއި، އާމްދަނީ ލިބޭނެ ބާޒާރުތައް ހޯދައިދިނުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ.

މީގެއިތުރުން އާމްދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުސަތު، ދިވެހީންނަށް އިތުރަށް ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ކަނޑައަޅާފައިވާކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް، ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން ފަށާފައިވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.