ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އިގްތިސޯދީ ދުވެލި ދެމެހެއްޓުމަށާއި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރައްވައިފިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، މަސައްކަތްތެރިންގެ އަގުވަޒަންކޮށް، ގިނަ ބަޔަކު މަސައްކަތުގެ މާހައުލަށް އަހުލުވެރި ކުރުވުމަކީ ގައުމުގެ އިގްތިސޯދީ ވިލުންތެރިކަން ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. ހާއްސަކޮށް ހުނަރުވެރި އަދި ފަންނުވެރި އާބާދީއެއް އޮތުމަކީ ގައުމަށް ލިބިފައިވާ ބޮޑު ނަސީބެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ފަށާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ ޒަމާންވީ މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތަކީ ރާއްޖޭގެ ކުރިމަގަށް އަޅާ ހަރުދަނާ ބިންގަލެއް ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން ނިމިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ގިނަ އަދަދެއްގެ ކުދި ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައި ހައްލު ހޯއްދަވައި ދެއްވާފައިވާ ކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކުރީ ސަރުކާރުން ވާރުތަވި އެތައް ސަތޭކަ މިލިއަން ރުފިޔާގެ ނުދައްކާ ހުރި ފައިސާ ކުދި ވިޔަފާރިތަކަށް ދައްކައި ހަލާސްކުރަމުންދާ ކަމަށާއި، މިއީ މަސައްކަތްތެރިންގެ ކުރިއެރުމާ ސީދާ ގުޅުންހުރި ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

2024 ވަނަ އަހަރު ތަސްދީގު ކުރި ފޮރިން އިންވެސްޓްމަންޓު ގާނޫނުގެ ދަށުން، ދިވެހިންނަށް އެކަނި ހާއްސަ ވިޔަފާރިތަކެއް ކަނޑައެޅި، އެކަން ތަންފީޒު ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ދިވެހި އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މައުރަޒު ބޭއްވުމާއި، ދުނިޔޭގެ ބޮޑު އީކޮމާސް ޕްލެޓްފޯމް 'އަލީބާބާ' ގައި 'އޯތެންޓިކް މޯލްޑިވްސް' މެދުވެރިކޮށް 400 އަށްވުރެ ގިނަ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އިގްތިސޯދު ސިންދަފާތު ކުރުމުގެ ގޮތުން، ފުރަތަމަ ފަހަރަށް އެސްއީޒެޑް ގާނޫނުގެ ދަށުން ސަސްޓެއިނަބަލް ޓައުންޝިޕްގެ މަސައްކަތް ފަށާފައިވާ އިރު، މެރިޓައިމް އިގްތިސޯދާއި މިނިވަން ވިޔަފާރީގެ ދާއިރާއިން ވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށް ސައީދު ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ ދާއިރާއިން، އަލިޕޭ އަދި ރުޕޭ ކާޑުގެ ހިދުމަތް ތައާރަފުކުރުމާއި، ބީއެމްއެލް ސްވައިޕްގެ ހިދުމަތް ފެށުމުގެ އިތުރުން، ޕޭޕާލްގެ ހިދުމަތް ލިބޭނެ މަގު ވަރަށް އަވަހަށް ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ގޫގްލްގެ މައި ކޭބަލް 'ދިވަރު' ރާއްޖެއާ ގުޅާލުމަކީ ރައީސް މުއިއްޒުގެ 'މޯލްޑިވްސް 2.0' ތަސައްވުރުގެ ދަށުން ހޯއްދެވި ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެއްވިއެވެ.