ދިވެހިރާއްޖޭގައި އެކި ދާއިރާތަކުގައި ހިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ހައްގަުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން މި ގެންގުޅެނީ ވަށައިޖެހޭ އަދުލުވެރި ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ހިތާބުގައެވެ.
އެގޮތުން، ސްކޫލްތަކުގައި މަސައްކަތް ދަސްކޮށްދިނުމަށް ހާއްސަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ގާއިމްކޮށްފައިވާ ކަމަށެވެ. ގައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ހާއްސަ ޕްރޮގްރާމްތައް ފަށާފައިވާ ކަމަށާއި އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީއާއި ލުއިލޯނު ދިނުން އިތުރުކޮށްދީފައިވާ ކަމަށެވެ.
"އެއްވެސް ޒުވާނަކު ބާކީވިޔަ ނުދީ ފިސާރި ހަރުދަނާ ކުއްޖަކަށް ހެދުމަށްޓަކައި ފެށި ދިވެހި ވަޠަނީ ހިދުމަތުގެ ތަމްރީނު ފުރިހަމަކޮށް، ޒިންމާދާރު ވަޒީފާތަކަށް ދަރީން ނުކުންނަމުން އެދަނީ އައިލާތައް ހިނިތުންކުރުވަމުން. ދުނިޔޭގެ ބާޒާރުން ދިވެހި މަސައްކަތްތެރީންނާއި އުފެއްދުންތަކަށް ޖާގަ ހޯދައިދިނުމަށް، ބައިނަލްއަގްވާމީ ބޮޑެތި އީ-ކޮމާސް މަންސަތަކާއެކު އަޅުގަނޑުމެން އިސްނެގި މަސައްކަތުގެ މޭވާ ލިބެން ފަށައިފި" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހަވާލުކުރުމުގައި އިސްކަންދެމުން ދަނީ ގާބިލް ދިވެހި ކުންފުނިތަކަށް ކަމަށެވެ. މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހި ސަރުކާރަކަށް މި ސަރުކާރު ވާނެ ކަމަށް ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކުން އެދެމުންދާތާ އެތައް އަހަރެއްވެފައި ހުރި ކަންކަމަށް ހައްލު ހޯއްދަވައިދެއްވާފައިވާ ކަމަށެވެ.
ހަމަ އެހެންމެ މަސްވެރިންނަށް ކުރީން ދަތިވެފައިއޮތް އެތައްކަމެއް ފަސޭހަކޮށްދީ، ދަނޑުވެރިކަން އިތުރަށް އާލާކޮށް، ފަތުރުވެރިކަން ނެތް ސަރަހައްދުތަކަށް އެކަން ފުޅާކޮށް، އަދި ރާއްޖޭގައި ކުރީން ނެތް ސިނާއީ ބައެއް މަސައްކަތްތައް އަލަށް ކުރަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެދެނީ ވަޒީފާއާއި މަސައްކަތުގެ ފުރުސަތުތައް ތަންމިނަށް ފަހިކޮށްދިނުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތައް ހަލުވިކޮށް ކާމިޔާބު ކުރުމުގައި ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުން ކަމަށެވެ.
އަދި މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަންހުރި ކޮންމެ ދިވެހި ރައްޔިތަކުމެ ހަށިފޮޅައިލައްވާ އަމަލީ މައިދާނަށް ނުކުމެވަޑައިގަތުން ކަމަށެވެ. 2045 ވަނަ އަހަރާ ހަމަޔަށް ދާއިރު، ތަރައްގީވެފައިވާ ފުދުންތެރި ރާއްޖެއެއް ހޯދުމަށް ހިފާފައިވާ އަމާޒަށް ގައުމު ވާސިލުކޮށްދެވޭނީ ހީވާގި ދިވެހި މަސައްކަތްތެރީންނަށް ކަމާ މެދަކު ކުޑަވެސް ޝައްކެއްނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
