ލޭބާ ރިލޭޝަންސް އޮތޯރިޓީގައި ފުނިޖެހިފައި ހުރި ހުރިހާ ޝަކުވާއަކާއި މައްސަލަތަކެއް އަމާނާތްތެރިކަމާއެކު ބަލައި، އެކަންކަމަށް އަދުލުވެރި ހައްލުތަކެއް ހޯދައިދެއްވާނެ ކަމަށާއި މަސައްކަތްތެރިންނަށް އަމާން، ރައްކާތެރި އަބުރުވެރި މާހައުލެއް ގާއިމްކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްވައިފިއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޯމް މިނިސްޓްރީން އިސްނަގައިގެން މާލޭގައި ކުރިއަށްގެން ދިޔަ ހިނގާލުން ނިންމަވާލެއްވުމަށްފަހު ދެއްކެވި ވާހަކައިގައެވެ. އެކި މުއައްސަސާތަކާ ގުޅިގެން ބޭއްވި މި ހިނގާލުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މީގެކުރިން މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުން އައީ މަސައްކަތްތެރިންނާއި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރެވޭ ދުވަހެއްގެ ގޮތުގައެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިއަދު އިސްނަގައިގެން މަސައްކަތްތެރިންނާއެކު އެފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ސަރުކާރު ހަވާލުވީއިރު ވެސް، ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް މަސައްކަތްތެރިންގެ ފަރާތުންނާއި ވަޒީފާދޭ ފަރާތްތަކުން ހުށަހަޅާފައިވާ ގިނަ އަދަދެއްގެ މައްސަލަތައް ނުބެލި ފުނިޖެހިފައި ހުރި ކަން އިހުސާން ފާހަގަކުރެއްވިއެވެ. އެމައްސަލަތައް އަމާނާތްތެރިކަމާއެކު އަދުލުވެރި ހައްލެއް ގެނެސް ދެއްވާނެ ކަމަށާއި އަމާން ރައްކާތެރި އަދި އަބުރުވެރި މަސައްކަތުގެ މާހައުލެއް ގާއިމުކުރެވިފައިވަކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރަންޖެހޭ ގިނަ ކަންކަން މީގެކުރިން އަތުން ދޫވެފައިވާކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ، މިއަހަރަކީ މަސައްކަތްތެރިންނާ ގުޅުންހުރި މުހިއްމު ގާނޫނުތަކާއި ގަވާއިދުތައް ފުރިހަމައަށް ތަންފީޒުކުރެވޭނެ އަހަރަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން 'އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނު' އާއި 'އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތުގެ ގާނޫނު' ރާއްޖޭގައި ފުރިހަމައަށް ހިނގަން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމުގައި މަސައްކަތްތެރިން އަދާކުރާ މުހިއްމު ދައުރު ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ ދިވެހި އަދި ބިދޭސީ މަސައްކަތްތެރިންނަކީ ގައުމުގެ އިގްތިސޯދުގެ މައި ބަދަ ކަމަށާއި، ރާއްޖޭއިން މިހާތަނަށް ހޯދާފައިވާ ކޮންމެ ކާމިޔާބީއެއްގެ އަސްލަކީ މަސައްކަތްތެރިން ކަމަށެވެ.
