ދިވެހިރާއްޖޭގައި ހިނގަމުންދާ އިގްތިސޯދީ މަސައްކަތްތައް ފުޅާކޮށް، އާ އިންވެސްޓްމަންޓްތައް ކުރުމަށް 5 އަހަރުގެ މި ދައުރުގައި ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ދެއްވި ހާއްސަ ހިތޯބުގައެވެ.

ރައީސް ވިދާޅުވީ މި 5 އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދު ފުޅާ ކުރުމުގެ ގޮތުން އާ ބާވަތްބާވަތުގެ މަސައްކަތްތައް ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އިގްތިސޯދު ފުޅާ ކުރުމަށްޓަކައި ޓޫރިޒަމް ފުޅާކޮށް، މަސްވެރިކަމާއި ދަނޑުވެރިކަން އިތުރުކޮށް، ޓްރާންޝިޕްމަންޓް ހިދުމަތް ފަދަ ކަންކަން ތައާރަފް ކުރުމުގެ އިތުރުން ދަތުރުފަތުރުގެ ހިދުމަތް ހަރުދަނާ ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަދަ ކޮންމެ ކަމަކުން އިތުރު ވަޒީފާތައް އުފެދި، ލިބޭ އާމްދަނީ މަތިވަމުން ދާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ބޮޑެތި ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދި ތަންފީޒުވާން ފެށުމުންނާއި، އީ-ވޮލެޓާއި، ބައިނަލްއަގްވާމީ މާލީ މުއާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ރާއްޖެއަށް ތައާރަފް ކުރެވުމުން، ދިވެހި އުފެއްދުންތަކަށާއި ހުނަރުތަކަށް ބައިނަލްއަގްވާމީ މާރުކޭޓުތަކުން ފުރުސަތު ލިބިގެންދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ދިވެހި މަސައްކަތްތެރީންނަށާއި ހުނަރުވެރީންނަށް ގައުމުގައި ތިބެގެން ބޭރު ފައިސާއިން ސީދާ އާމްދަނީ ހޯދޭނެ މަގު ފަހިވެގެންދާނެ ކަމަށާއި މިކަންކަން ކުރުމަށް ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސައްކަތްތެރިކަން އުނގަންނައިދިނުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ ކަމަށެވެ. އަދި ގައުމަށް މަންފާހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަން ކުރާނެ ކަމަށެވެ. އެގޮތުން ޑޭކެއާ ސެންޓަރުތައް ފަދަ ހިދުމަތްތައް ގާއިމުކޮށް، އާއިލާތަކުން ފުދުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރު ހިންގުމާ ހަވާލުވިއިރު އޮތް އެންމެ ބޮޑު އެއް ނުތަނަވަސްކަމަކީ، ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ 9000 މިލިއަނަށްވުރެ ގިނަ މަސައްކަތު ބިލުތަކުގެ ދަރަނި އަދި އެކި ވުޒާރާތަކާ އޮފީސްތަކުން ދައްކަން ޖެހޭ އެތައް ހާސް މިލިއަން ރުފިޔާއެއްގެ ދަރަނި ހުރުމެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން، މަސައްކަތްތެރި އަމިއްލަ އެތައް ކުންފުންޏެއްގެ މުވައްޒަފުންނަށް މުސާރަ ނުދެވި، ހިންގުމުގެ ހަރަދުތައް ނުކުރެވި، ގައުމުގެ އިގްތިސޯދު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފައި ކަމަށެވެ.

އެހެންކަމުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެމުން ދަނީ، ދައުލަތަށް އާމްދަނީ ލިބެމުންދާ މިންވަރަކުން މަސައްކަތްތެރި އަމިއްލަ ކުންފުނިތަކަށާއި ފަރުދުންނަށް ދައްކަން އޮތް ބޮޑު ދަރަނި އަދާކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މަސްވެރީންނަށް ސަރުކާރުން ނުދީ ހުރި އެތައް މިލިއަން ރުފިޔާއެއްދީ، ގައުމުގެ އިގްތިސޯދީ ލޭނާރު ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.