ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ބަދަހި ގުޅުމަކީ ދެ ގައުމުގެ ސިޔާދަތީ ހަމަހަމަކަމާއި އިހްތިރާމުގެ މައްޗަށް ބިނާވެފައިވާ އަގުހުރި ގުޅުމެއް ކަމަށާއި، ދެ ގައުމު ގުޅިގެން ނަތީޖާ ނެރެދެވޭނެކަމުގެ އެންމެ ފުރިހަމަ މިސާލަކީ ތިލަމާލެ ބްރިޖް މަޝްރޫއު ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރްއޭ) ގެ 25 ވަނަ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގެ ތެރެއިން، އެ ޖަމްއިއްޔާގެ މެންބަރު ގައުމުތަކުގެ ވަފުދުތަކުގެ ވެރިންނާއެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ، ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ދެ ގައުމު ގުޅިގެން ހާސިލްކުރެވޭނެ ކަންކަން ސާބިތުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް ފެންނަން ހުރި ހަގީގީ ލާބައާއި މަންފާ ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ވަރުގަދަ އަޒުމްފުޅާއި ތަސައްވުރު ރަމްޒުކޮށްދޭ މުހިންމު މަޝްރޫއެއް ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ބޮޑުވަޒީރު މޯދީއާ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ އިތުބާރު ހިފޭ، ޒިންމާދާރު އަދި އިހްލާސްތެރި އަވަށްޓެރި ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ. އަދި ދެ ގައުމުގެ އަވަށްޓެރި ގުޅުން ބިނާވެފައިވަނީ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ އިހްތިރާމާއި، އިތުބާރާއި، އެއްބަޔަކު އަނެއްބަޔަކު ދެނެގަތުމުގެ މައްޗަށް ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، އިންޑިއާއިން ދިވެހިރާއްޖެއަށް ޒަމާނުއްސުރެ ވެދެމުން އަންނަ އެހީތެރިކަމާއި ދެމުންދާ އެއްބާރުލުމަށް މިނިސްޓަރު އިރުތިޝާމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ދެ ގައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެންގުޅުއްވާ ހާއްސަ އިސްނެންގެވުންތަކާއި ދެއްވާ އަހައްމިއްޔަތުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
