އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ އިބްތިދާއީ އެއްބަސްވުމަކަށް އައުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ ހަމަނުޖެހުންތައް ނިމުމަކަށް ގެނެސް، ސުލްހައިގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ދެ ގައުމުންނާއި މެދުވެރިންގެ ދައުރު އަދާކުރި ފަރާތްތަކުން މިއަދު ވަނީ ހާމަކޮށްފައެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ހުރިހާ މައިދާނެއްގައި ހަމަލާތައް ބަދަލުކުރުން ވަގުތުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ލުބުނާނުގައި ކުރިއަށްދާ ހަމަނުޖެހުންތައް ވެސް ހިމެނެއެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައިވަނީ، ހޮރްމުޒް ކަނޑުއޮޅިގައި ދަތުރުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެން އަޅާ ފިޔަވަޅުތައް ހިމެނޭ ގޮތަށް ދެގައުމުގެ ދެމެދުގައި ނުނިމި ހުރި މައްސަލަތައް ހައްލުކުރުމާ ގުޅޭ އެއްބަސްވުމުގައި އެމެރިކާއާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.

ހިޔާލުތަފާތުވުންތައް ހައްލުކުރުމާއި ދެފަރާތުން ކަންބޮޑުވާ މައްސަލަތައް ހައްލުކުރުމުގެ ވަސީލަތެއްގެ ގޮތުގައި މަޝްވަރާއާއި ޑިޕްލޮމެސީ ކުރިއަށް ނެރުނީތީ އެ ކަމަށް ދިވެހި ސަރުކާރުން އަގު ވަޒަންކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އަދި މި ސުލްހަ ގެނައުމަށް މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ޕާކިސްތާނާއި ގަތަރުގެ އިތުރުން ގަލްފު ސަރަހައްދުގެ އެހެން ގައުމުތަކާއި ބައިނަލްއަގއުވާމީ ބައިވެރިން މި މަޝްވަރާއަށް މަގުފަހިކޮށްދިނުމަށް ކުރި މަސައްކަތްތަކަކީ ބިނާކުރަނިވި މަސައްކަތްތަކެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެއީ ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މި އެއްބަސްވުމާ ގުޅިގެން އިސްރާއީލުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަލްޖަޒީރާގެ ރިޕޯޓަރުން ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ކަނާތުފިޔައިގެ މީޑިއާތަކުން މި އެއްބަސްވުން ސިފަކުރަނީ އިސްރާއީލަށް ލިބުނު ސްޓްރެޓީޖިކް ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައެވެ. ހާއްސަކޮށް ލުބުނާނުގައި އިސްރާއީލުން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލަން ޖެހިދާނެތީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަނީ އެތެރޭގެ ސިޔާސީ ބޮޑެތި ފިއްތުންތަކަކާ ކުރިމަތިވެފައެވެ. އިސްރާއީލުން ލުބުނާނާއި އީރާނާ ދެކޮޅަށް ކަނޑައަޅާފައިވާ ހަނގުރާމައިގެ ލަނދުދަނޑިތައް ހާސިލުނުވަނީސް މިފަދަ އެއްބަސްވުމަކަށް އައުމަކީ އިސްރާއީލުގެ ސަރުކާރަށް ގަބޫލުކުރަން ދަތި ކަމެއް ކަމަށް މުހައްލިލުން ބުނެއެވެ.

އެމެރިކާއާއި އީރާނާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ރަސްމީ ލިޔުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ ޖޫން 19 ވަނަ ދުވަހު ސްވިޓްޒަލޭންޑްގައެވެ. އެއަށްފަހު، ދެ ގައުމުގެ މަންދޫބުންގެ މެދުގައި ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ފަހުގެ އެއްބަސްވުމަކާ ހަމައަށް ދިއުމަށްޓަކައި އިތުރު މަޝްވަރާތައް ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.