ދުނިޔޭގެ ސިއްހީ ދާއިރާގެ އައު އީޖާދުތަކާ ގުޅޭގޮތުން ބާއްވާ ބައިނަލްއަގުވާމީ ބޮޑު ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގަތަރަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ ވޯލްޑް އިނޮވޭޝަން ސަމިޓް ފޮރ ހެލްތުގެ 8 ވަނަ ބައްދަލުވުމުގައި އެކަމަނާ ބައިވެރިވެވަޑައިގަންނަވަނީ، ގަތަރު ފައުންޑޭޝަންގެ ޗެއަރޕާސަން ޝައިހާ މޫޒާ ބިންތު ނާސިރު ދެއްވި ރަސްމީ ދައުވަތަކަށެވެ.
މި ދަތުރުފުޅުގައި، ސިއްހީ ދާއިރާގެ ކުރިމަގާ ގުޅޭ މުހިންމު މަޝްވަރާތަކެއްގައި އެކަމަނާ ހިއްސާވެވަޑައިގަންނަވާނެއެވެ. އެގޮތުން ކުރިއަށް އޮތް އަހަރުތަކުގައި ދުނިޔެއަށް ކުރިމަތިވާނެ ސިއްހީ ގޮންޖެހުންތަކާއި، ގައުމުތަކުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ބާއްވާ ހާއްސަ ޕެނަލް ޑިސްކަޝަނެއްގައި އެކަމަނާ ވާހަކަފުޅު ދައްކަވާނެއެވެ. އަދި މި ބައްދަލުވުމުގެ ހަވާސާގައި، ސަމިޓަށް ވަޑައިގަންނަވާ ބޭރު ގައުމުތަކުގެ އިސްވެރިންނާ އެކަމަނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ގަތަރު ފައުންޑޭޝަނުން ސިލްސިލާކޮށް ބާއްވަމުން އަންނަ މި ސަމިޓަކީ، ދުނިޔޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސިޔާސަތު އެކަށައަޅާ ފަރާތްތަކާއި އިލްމުވެރިން އެއްތަންވެ، ދިމާވާ މައްސަލަތަކަށް އަމަލީ ހައްލުތަކެއް ހޯދުމަށް ބާއްވާ ވަރަށް މުހިންމު ބައްދަލުވުމެކެވެ.
