ރާއްޖޭގެ އިސްލާމީ ތައުލީމާއި ތަރުބިޔަތަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި ދީނީ އިލްމުވެރިޔާ، މައްޗަންގޮޅި ތައިބާ (ކުރިން ފީރޯޒްވާދީ)، ޝެއިހު އިސްމާއީލް މުހައްމަދު އަވަހާރަވެއްޖެއެވެ.

ޝެއިހު އިސްމާއީލް މުހައްމަދު މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

އިސްމާއީލް މުހައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލުކުރައްވާފައިވާ ޝެއިހް އަވަހާރަވުމަކީ، އެމަނިކުފާނަށް ވަރަށް ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އިހްސާސް ކުރުވި ކަމެއް ކަމަށެވެ.

ދ. މީދޫއަށް އުފަން ޝެއިހު އިސްމާއީލް މުހައްމަދު، ރާއްޖޭގައި ދީނީ އިލްމު ފެތުރުއްވުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވައި، ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އެތައް ދިވެހި ދަރިވަރުންނަކަށް ހޯއްދަވައިދެއްވިއެވެ. އަދި އޭނާއަކީ ދިވެހި ގައުމަށް މަތިވެރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ހިދުމަތުގެ އިސް ސަފުގައި ތިއްބެވި އެތައް ބޭފުޅެއްގެ އުސްތާޒެއްވެސްމެއެވެ.

މީގެއިތުރުން، ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި ޝާއިއުކުރެއްވުމުގައި ވެސް އޭނާ ވަނީ ނަމޫނާ މަސައްކަތްތަކެއް ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ މަރުހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވައި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، އަދި ސުވަރުގޭގެ މަތިވެރި ނިއުމަތުގައި މަރްހޫމް ލަހައްޓަވައިދެއްވުން އެދި ދުއާ ކުރައްވަމުންނެވެ.