ރޭ މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވި އައްޑޫ ސިޓީ ހިތަދޫ މާރިޝް، އާމިނާ އިމީލީ ނާޒިމްގެ އާއިލާ، މެލޭޝިއާއަށް ދިއުމަށްޓަކައި އޭނާގެ އާއިލާއިން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ،
މިހާރު އޭނާގެ ހަށިގަނޑު ބާއްވާފައި އޮތީ ސުލްތާން އިދްރީސް ހޮސްޕިޓަލުގައެވެ. އަދި މިވަގުތު މެލޭޝިއާގައި ހުރީ އާއިލާގެ އެންމެ މެންބަރެއް ކަމަށް މައުމޫމާތު ލިބެއެވެ. އިމީލީގެ ކުއްލި ވަކިވުމާ އެކު މެލޭޝިއާއަށް ދަތުރުކުރުމަށް އޭނާގެ އާއިލާއިން ތައްޔާރުވަމުން އަންނައިރު، އާއިލާގެ 7 މެންބަރުން އެ ގައުމަށް ދާން ތައްޔާރުވަމުން އަންނަކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
އިމީލީގެ ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ގެންދިއުމުގެ އިތުރުން މި ހާދިސާއާ ގުޅޭގޮތުން ކުރިއަށްދާ ތަހުގީގުތަކުގައި ބައިވެރިވުމަށް އާއިލާއިން ބޭނުންވެއެވެ. އާއިލާއިން ބޭނުންވަނީ އިމީލީގެ ކަށުކަމާކެމީގެ ކަންތައްތައް ފުރިހަމަކުރުމުގެ އިތުރުން، މި ހާދިސާ ހިނގައިދިޔަ ގޮތް އިތުރަށް ތަހުގީގު ކުރުމުގައި އެންމެ އިންސާފުވެރިކޮށް ކަންކަން ކުރިއަށް ގެންދިއުމަށެވެ. އެގޮތުން، މި މައްސަލައިގެ ތަހުގީގީ ކަންކަމުގައި މެލޭޝިއާގައި 10 ދުވަހާއި 15 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ނަމަވެސް، ކުއްލިއަކަށް މުޅި އާއިލާ މެލޭޝިއާއަށް ދަތުރުކުރުމާއި، އެ ގައުމުގައި ތިބުމާއި ކެއިންބުއިމުގެ އިތުރުން އެހެނިހެން ހަރަދުތަކަށް ބޮޑު ހޭދައެއް ކުރަންޖެހޭއިރު، އާއިލާއަށް ކުރިމަތިވި މި ކުއްލި ހިތާމައިގައި އެފަދަ ބޮޑު ހަރަދެއް އަމިއްލައަށް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަމެއް މިވަގުތަކު ނެތެވެ. އެހެންކަމުން، މި ހިތްދަތި ވަގުތުގައިއެހީތެރިކަމުގެ އަތެއް ފޯރުކޮށްދީ، މާލީ ގޮތުން އެހީތެރިވެދިނުމަށް އާއިލާގެ ފަރާތުން އެންމެހާ ދިވެހި ރައްޔިތުންގެ ކިބައިން ވަނީ އެދިފައެވެ.
އާއިލާއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން
- ރުފިޔާ އެކައުންޓް: 7708144163001 (ޒީނަތު ލަބީބު)
- ޑޮލަރު އެކައުންޓް: 7730000676326 (މުހައްމަދު ނާޒިމް، ބައްޕަ)
- ގުޅޭނެ ނަންބަރު: 7987798
މީގެއިތުރުން، އިމީލީގެ އާއިލާއިން ވަނީ މި ހިތްދަތި ދަނޑިވަޅުގައި އޭނާގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައާއި އެހެނިހެން ވަސީލަތްތަކުގައި ހިއްސާ ނުކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ. ސޯޝަލް މީޑިއާގައި ފޮޓޯ ޝެއާކޮށްފައިވާ ފަރާތްތަކުންވެސް ފޮޓޯ ޑިލީޓްކޮށް ދިނުމަށް އާއިލާއިން ވަނީ އެދިފައެވެ. އަދި މަރުހޫމާ އިމީލީއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި އެންމެހައި ފަރާތްތަކުން ހެޔޮ ދުއާކޮށްދެއްވުމަށް އާއިލާއިން އެދެއެވެ. މާތް ﷲ މަރްހޫމާގެ ފުރާނައަށް ސުވަރުގޭގެ ދައިމީ ނިޢުމަތް މިންވަރުކުރައްވާށި. އާމީން
މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ހާޖަތްތައް ފުއްދައިދިނުމަކީ އިހުސާންތެރިކަމުގެ ތެރެއިން ހިމެނޭކަމެކެވެ. ﷲ ސުބުޙާނަހޫ ވަތައާލާ ވަހީކުރައްވާފައިވެއެވެ. (وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195 މާނައީ: "އަދި ތިޔަބައިމީހުން އިހުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިހުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވަ އެވެ."
