ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މިއަދު މެންދުރުފަހަށް ހައި ކޯޓުން ތާވަލުކޮށްފިއެވެ.

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށް، އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައިވަނީ މި މަހުގެ ދެވަނަ ދުވަހުގެ ރޭގައެވެ. އެ މައްސަލަ ޝާހިދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ އޭގެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ފުރަތަމަ ތާވަލުކުރި މި މަހުގެ 15 ވަނަ ދުވަހު ކެންސަލްކުރުމަށްފަހު، އަޑުއެހުންތައް ބާއްވާފައިވަނީ މިދިޔަ ހަފްތާގައެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ގާނޫނީ ގޮތުން ސިއްރުކޮށްގެން ކުރިއަށްގެންދަންޖެހޭ މައްސަލަތަކަކަށް ވާތީ، މި އިސްތިއުނާފު އަޑުއެހުންތައް ވެސް ހައި ކޯޓުން ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.

މި ތުހުމަތުތަކާ ގުޅިގެން ޝާހިދު ވިދާޅުވެފައި ވަނީ، އެއީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ، މިއީ ކުޑަކުއްޖެއްގެ ހައްގުތަކާ ގުޅިފައިވާ ސީރިއަސް ތުހުމަތެއް ކަމަށާއި، މިކަމުގައި އެއްވެސް ސިޔާސީ މަގުސަދެއް ނެތް ކަމަށެވެ. އަދި ތުހުމަތު ކުރެވޭ ފަރާތަކީ ކޮންމެ މީހަކަށް ވިޔަސް ގާނޫނުގެ ކުރިމަތީގައި ތަފާތުކުރުމެއް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ޝާހިދު މި ތުހުމަތާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއިރު، އޭނާ ގެންދެވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕޭން ކުރައްވަމުންނެވެ.