އެންމެ ގިނަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑް ޕޯޗުގަލްގެ ކެޕްޓަން އަދި ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހަދައިފެއެވެ.

މިރޭ އުޒްބަކިސްތާނާ ދެކޮޅަށް ޕޯޗުގަލްއިން ކުޅެމުންދާ މެޗުގެ ފުރަތަމަ ހާފްގައި ރޮނާލްޑޯ ދެލަނޑު ޖަހާފައިވާ އިރު އޭނާ މިވަނީ 6 ވޯލްޑްކަޕް މުބާރާތުގައި ލަނޑު ޖަހާފައެވެ.

އެއީ 2006 ވަނަ އަހަރުން ފެށިގެން ކޮންމެ 4 އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ވޯލްޑްކަޕްގެ ކޮންމެ މުބާރާތެއްގައި ރޮނާލްޑޯގެ ލަނޑެއް ވަނީ ފެނިފައެވެ. މީގެ އިތުރުން، އުމުރުން 41 އަހަރުގެ ރޮނާލްޑޯ އަކީ އެއް ވޯލްޑްކަޕަށް ވުރެ ގިނަ ވޯލްޑްކަޕްގައި ލަނޑެއް ޖެހި އެންމެ އުމުރުން ދޮށީ ކުޅުންތެރިޔާ ވެސް މެއެވެ.

އުޒްބަކިސްތާނާއެކު ކުޅުނު މެޗުގައި ޖެހި ދެ ލަނޑާއެކު ރޮނާލްޑޯ މިވަނީ ޕޯޗުގަލްގެ ޖާޒީގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑް ވެސް މުގުރާލާފައެވެ.

މުބާރާތުގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ކުޅެ 1-1 އިން އެއްވަރުވި މެޗަށް ފަހު ގިނަ ބައެއްގެ ފާޑުކިއުންތައް އެޓީމަށް އަދި ހާއްސަކޮށް ރޮނާލްޑޯއަށް އަމާޒުވިއެވެ. އެހެންނަމަވެސް، މި ފާޑުކިއުންތަކުގެ ރައްދު ރޮނާލްޑޯ ދީފައި މިވަނީ ދަނޑުމަތިން ލަނޑުގެ ސިފައިންނެވެ.