2016 ވަނަ އަހަރު ޕޯޗުގަލް ކާމިޔާބުކުރި ޔޫރޯ ތައްޓަކީ، ވޯލްޑްކަޕް ތައްޓާ ހަމަ އެއްވަރުގެ ތައްޓެއް ކަމަށް ޕޯޗުގަލްގެ ލެޖެންޑް އަދި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ރޮނާލްޑޯ މިހެން ބުނެފައިވަނީ މިހާރު ހިނގަމުންދާ ވޯލްޑްކަޕް 2026 ގެ ގަދަ 16 ގައި ސްޕެއިންއާ ކުޅެ ޕޯޗުގަލް މުބާރާތަށް އަލްވަދާއުކީ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުނީ އޭނާ އަބަދު ވެސް މަސައްކަތް ކުރީ ގައުމީ ޓީމަށް އެންމެ މޮޅަށް ކުޅެދެން ކަމަށެވެ. އަދި ޕޯޗުގަލްއާ އެކު އޭނާ ތިން ތަށި ހޯދާފައިވާ ކަމަށާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރިން ޕޯޗުގަލްއަށް އެންމެ ތައްޓެއް ވެސް ނުލިބޭ ކަމަށެވެ.
ރޮނާލްޑޯ އިތުރަށް ބުނީ ޕޯޗުގަލްއާ އެކު އޭނާ ހޯދި އެންމެ މުހިއްމު ތައްޓަކީ 2016 ވަނަ އަހަރު ލިބުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ކަމަށާ އޭނާއަށް އެ ތައްޓަކީ ވޯލްޑްކަޕާ އެއް ވަރުގެ ތައްޓެއް ކަމަށެވެ.
ޔޫރޯ އަކީ ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ބާއްވާ ސަރަހައްދީ ފުޓްބޯޅަ މުބާރާތަކަށް ވާ އިރު ޕޯޗުގަލްއަށް ޔޫރޯ އެންމެ ފުރަތަމަ ވެސް ކާމިޔާބުކުރެވުނީ 2016 ވަނަ އަހަރެވެ. އޭނގެ ފަހުން ވެސް އެޓީމަށް އެމުބާރާތް ކާމިޔާބުކުރެވިފައި ނުވާ އިރު ޕޯޗުގަލްއަށް އަދި ދުވަހަކު ވެސް ވޯލްޑްކަޕް ތަށި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ރޮނާލްޑޯ ބުނި އެއްޗެއްގެ މާނައާ މެދު އަނެއްކާވެސް ސޯޝަލް މީޑިއާގައި ބަހުސެއް ފެށިފައިވާ އިރު ސަރަހައްދީ ތައްޓަކާ ދުނިޔޭގެ ޗެމްޕިއަން ކަމާ އެއްވަރުކުރުމަކީ މޮޔަ ކަމެއް ކަމަށް ބުނެ ބައެއް މީހުން އަންނަނީ ރޮނާލްޑޯއަށް މަލާމަތް ކުރަމުންނެވެ. އެހެން ނަމަވެސް، ރޮނާލްޑޯގެ ދިފާއުގައި ވާހަކަ ދައްކާ ފަރާތްތަކުން ބުނަނީ އޭނާ އެ މާނަ ކުރީ 2016 ވަނަ އަހަރު ޕޯޗުގަލް އަށް ލިބުނު ކާމިޔާބީ އަކީ ހަމަ ވޯލްޑްކަޕެއް ހޯދުން ފަދަ ކާމިޔާބީ އެއް ގޮތަށް ފާހަގަކުރާ ކަމަށް ކަމަށެވެ.
ބަހުސްތައް އެފަރާތްކޮށް ރޮނާލްޑޯއަށް ހައްގު އިހްތިރާމްއާ ތައުރީފު ދޭން ޖެހޭ
މި މުބާރާތް ފެށުމުގެ ކުރިން ވެސް އަދި މުބާރާތުގެ ތެރެއިން ވެސް 41 ގެ ރޮނާލްޑޯއަށް ގިނަ ފާޑުކިއުންތައް ކުރިމަތިވިއެވެ. ރޮނާލްޑޯގެ ސަބަބުން ޕޯޗުގަލްގެ ކުޅުން ފަހަތަށް ޖެހެނީ ކަމަށާ އޭނާ އުޅެނީ އަމިއްލަ މީހާގެ ކުރިއެރުމައިގެން ކަމަށް ބުނެ ބަޔަކު ތުހުމަތުކުރިއެވެ. އަދި ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވެސް ރޮނާލްޑޯ ދެކެ ބިރުން އޭނާ ފުރަތަމަ 11 ގައި ހިމަނަނީ ކަމަށް ވެސް އެފަރާތްތަކުން ބުންޏެވެ.
އެހެން ނަމަވެސް، ރޮނާލްޑޯއަށް ކޯޗު އެ އަހަމިއްޔަތުކަން ދެނީ އޭނާ އަކީ މެޗުގެ ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ބަދަލުކޮށްލާނެ ފަދަ މޮޅު ކުޅުންތެރިއަކަށްވާތީ އެވެ. ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ލީގުތަކުގައި ކުޅެ ނަތީޖާ ދައްކަފައިވާ ކުޅުންތެރިއަކަށްވާތީއެވެ. އަދި ވޯލްޑްކަޕްގައި ވެސް ހަދަން އުނދަގޫ ފަދަ ރިކޯޑެއް ހަދާފައިވާތީއެވެ. ޕޯޗުގަލްގެ ރޮނާލްޑޯ އަކީ ކޮންމެ 4 އަހަރަކުން އެއް އަހަރު މި ބާއްވާ ވޯލްޑްކަޕް މުބާރާތްތަކުގެ ތެރެއިން 6 މުބާރާތެއްގައި ގޯލެއް ޖެހި ހަމައެކަނި ކުޅުންތެރިޔާއެވެ.
ކޮންމެ ކުޅުންތެރިއަކަށް ވެސް އެންމެ ގިނައިން ގޯލު ޖެހިދާނެއެވެ. އެކަން އެނގިގެން ދަނީ ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލު ޖަހާ އާޖެންޓީނާގެ ލައިނަލް މެސީ ހެދި ރިކޯޑާ ހަމަކުރަން ފްރާންސްގެ ކިލިއަން އެމްބާޕޭއަށް މަދު ވަނީ އެންމެ ލަނޑެކަށް ވާތީއެވެ. އެހެން ނަމަވެސް އުމުރުން 21 އަހަރުން ފެށިގެން ގޮސް 41 އެއް އަހަރުވީ އިރުވެސް ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ އެންމެ މަތީ މުބާރާތުގައި ލަނޑު ޖަހަމުން ދިއުމަކީ އާދައިގެ ކާމިޔާބީއެއް ނޫނެވެ.
