ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައި، ލާމަރުކަޒީ ގާނޫނަށް ގެންނަ އުނިއިރުތަކާ ދެކޮޅަށް ޕީއެންސީގެ ކައުންސިލަރުންވެސް އިދިކޮޅު އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުން ތިއްބެވީ އެ ބޭފުޅުންގެ އަމިއްލަ ބާރުތައް އުނިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅަށް ހުރިހާ ބާރެއް އަރުވައިގެން ކަމަށެވެ. އަދި އެކަމުގެ ހިތާމަ މަޖިލިސް މެންބަރުން މިއަދު ކުރައްވަމުންދާ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
"މިފަހަރު މި ދަތުރު މިޖެހެނީ ޕީއެންސީ ކައުންސިލަރުންނަށް. އަޅުގަނޑު އުންމީދު ކުރަން ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކުގެ ބާރު ކަނޑާލާއިރު ޕީއެންސީ ކައުންސިލަރުންވެސް އެމްޑީޕީއާއެކު އިހުތިޖާޖު ކުރައްވާނެ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ގޮވާލައްވާފައިވާއިރު، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވޭ އިސްލާހުތަކުގެ ދަށުން، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ މާލީ އަދި އިދާރީ ބާރުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
