ލ. ގަމުގައި ކުރިއަށް ދިޔަ "ރޭސިން ޗެމްޕިއަންޝިޕް - ލާމު އެޑިޝަން" ގައި ދުއްވި ސައިކަލު ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު މުހައްމަދު ޔައިޝް (20 އ) އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދިއުމަށްޓަކައި ޓިކްޓޮކް ލައިވްއެއް މެދުވެރިކޮށް 100،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ
"ރޭސިން ޗެމްޕިއަންޝިޕް - ލާމު އެޑިޝަން" ގެ ފޯރިގަދަ މާހައުލުގައި، އެހެން ކުދިންނެކޭ އެއްފަދައިން ޔައިޝްވެސް ދިޔައީ ހުވަފެނެއްގައި ކުލަ ޖެއްސުމުގެ ވަރުގަދަ އަޒުމުގައެވެ. އައްޑޫ ސިޓީގައި ބާއްވާ ރޭސިންގެ ކޮންމެ އިވެންޓެއްގެ އެންމެ ކުރީ ސަފުން ފެންނަ ޔައިޝް ލ.އަތޮޅަށް ކުރި ދަތުރަކީ އުއްމީދުން ފުރިގެންވާ ދަތުރެކެވެ. އެހެންނަމަވެސް، މިދިޔަ މަހުގެ 19 ވަނަ ދުވަހު ރޭސިން ޗެމްޕިއަންޝިޕްގެ ތެރެއިން ސައިކަލު ކޮންޓްރޯލުން ނެއްޓިގެން ގޮސް މޫދަށް ވެއްޓުނު ހާދިސާއަކީ އެ އުންމީދީ ޒުވާނާގެ ހަޔާތް ބަދަލުވެގެން ދިޔަ ހިތްދަތި ހާދިސާއެކެވެ.
ލ. ގަމުގެ މޫދާ ދިމާލުން އުފެދިގެން އައި ގަދަ އަޑުފައްގަޑަކީ އަދި އެއަށްފަހު ވެރިވެގެންދިޔަ ހިމޭންކަމަކީ، 21 އަހަރުގެ މުހައްމަދު ޔައިޝްގެ އާއިލާގެ ދިރިއުޅުން އެކީއެކަށް ބަދަލުކޮށްލި ވަގުތުކޮޅެކެވެ. މިއަދު، އައިޖީއެމްއެޗްގެ އެނދުމަތީގައި އޮތް ޔައިޝްގެ ހާލަތު ނާޒުކެވެ. އެކްސިޑެންޓުގެ ސަބަބުން އޭނާގެ ފަލަމަސްގަނޑުގެ ކަށި ބިންދައިގެން ގޮސްފައިވާއިރު. އޭނާއަށް އަމިއްލައަށް އެއްވެސް ވަރަކަށް ނުތެދުވެ އެވެ. ޔައިޝްގެ ބައްޕަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޑޮކްޓަރުގެ ލިޔުންތަކުން އެނގޭ ގޮތުގައި އޭނާއަށް ވަނީ "ޑިފިއުޒް އެކްސޯނަލް އިންޖަރީ" އާއި "ޑިފިއުޒް ބްރެއިން އިންޖަރީ" އެއް ލިބިފައެވެ. ރަހްމަތްތެރިންނާއި އެކު އަބަދުވެސް މަޖާކޮށް އުޅުނު ޒުވާނާއަށް މިއަދު ރަނގަޅަކަށް ވާހަކައެއް ނުދެއްކެއެވެ. އަތް ވެސް ރަނގަޅަށް ހަރަކާތެއް ނުކުރެއެވެ.
ޔައިޝްގެ ބައްޕަ، ޖިމްޝާދު ޝަރީފް، ސޯޝަލް މީޑިއާގައި ހިއްސާކުރި އަސަރުގަދަ މެސެޖަކީ ލޯބިވާ ދަރިފުޅު އެހެން އޮންނަ މަންޒަރު ބަލަން ބައްޕައަކަށް ކެތްނުކުރެވިގެން ބަންޑުންކޮށްލި އިހްސާސްތަކެވެ. ޔައިޝްއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ނިއުރޯ ރީހެބިލިޓޭޝަން (ނާރުތަކާއި ސިކުނޑީގެ ފަރުވާ އާއި ރީހެބިލިޓޭޝަން) އެވެ. ނަމަވެސް، މި ފަރުވާ ރާއްޖެއިން ލިބެން ނެތުމުން، އާއިލާގެ ހަމައެކަނި އުންމީދަކީ އޭނާ ރާއްޖެއިން ބޭރަށް ގެންދިއުމެވެ.
ޔައިޝްގެ ފަރުވާއަށް ކުރަންޖެހޭ ހަރަދާއި، ދަތުރުފަތުރާއި، ބޭރުގައި ހުންނަންޖެހޭ ސީދާ މުއްދަތެއް ނޭގޭއިރު ހިނގާނެ ހަރަދުތައް ހަމަޖެއްސުމަށް މަރިޔަމް ސަމާގެ "ހިތުން ހިތަށް" ޖަމިއްޔާއިން އިންތިޒާމުކުރި ޓިކްޓޮކް ލައިވްގައި ވަނީ ޔައިޝްގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ. ރޭގެ ޓިކްޓޮކް ލައިވް މެދުވެރިކޮށް އާންމުންގެ ފަރާތުން ޖުމްލަ 107،748 ރުފިޔާ އާއި 140 އެމެރިކާ ޑޮލަރު ވަނީ ޔައިޝްގެ ފަރުވާއަށް ހަދިޔާކޮށްފައެވެ. އާއިލާއިން އުންމީދު ކުރަނީ މި ފައިސާގެ އެހީތެރިކަމާއެކު އަވަސް މުއްދަތެއްގެ ތެރޭގައި ޔައިޝް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދެވޭނެ ކަމަށެވެ.
