ދިވެހިރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި ހޯދުމުގެ މަގު ފަހިކުރުމާއި، އިގްތިސާދީ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ފުޅާކުރުމުގެ ގޮތުން ޗައިނާއާއެކު މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތައް ބަދަލުކޮށްފައިވަނީ ސަރުކާރުގެ އިދާރާތަކާއި ދެ ގައުމުގެ ވިޔަފާރި ކުންފުނިތައް ހިމެނޭ ގޮތަށެވެ.
މި އެއްބަސްވުންތައް ގާއިމުކުރެވުނީ "މޯލްޑިވްސް ބިޒްނަސް އެކްސްޕޯ" ގެ ތެރެއިން ކުރިއަށްދިޔަ "ޗައިނާ މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގައެވެ. މި ހަފުލާގައި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮން ޒިންހުވާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ފޯރަމްގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީން ވަނީ ވިޔަފާރީގެ ދާއިރާއިން އެހީތެރިކަން އިތުރުކުރުމަށްޓަކައި ޗައިނާގެ ސަންޔާ މުނިސިޕަލް ބިއުރޯ އޮފް ކޮމާސް އަދި އެ ސިޓީގެ އިންވެސްޓްމަންޓް ޕްރޮމޯޝަން ބިއުރޯއާއެކު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް އެކުލަވާލާފައެވެ. މީގެއިތުރުން، ދަނޑުވެރިކަން ކުރިއެރުވުމަށް ބޭނުންވާ ތަމްރީނުތަކާއި، އާ އީޖާދުތަކާއި ދިރާސާތައް ހެދުމަށް ހާއްސަ ސެންޓަރެއް ގާއިމުކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީއާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަސްވެރިކަމުގެ ސިނާއަތަށްވެސް ބޮޑެތި ފުރުސަތުތަކެއް ވަނީ ހުޅުވިގެން ގޮސްފައެވެ. އެގޮތުން، ރާއްޖެއަށް ބޭނުންވާ މުހިންމު ކާބޯތަކެއްޗާއި މުދާ އެތެރެކުރުމުގައި ލުއިފަސޭހަތައް ހޯދުމަށް އެސްޓީއޯއިން ޗައިނާގެ ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު އެއްބަސްވުމެއް ގާއިމުކުރިއެވެ. ހަމައެއާއެކު، ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޗައިނާގެ ބާޒާރުން ފުރުސަތު ހޯދުމަށް މިފްކޯގެ އިތުރުން އަމިއްލަ ކުންފުންޏެއް ކަމަށްވާ ހޮރައިޒަން ފިޝަރީޒުންވެސް ވަނީ އެ ކުންފުންޏާއެކު ވަކިވަކިން އެއްބަސްވުންތަކެއް ބަދަލުކޮށްފައެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބި، ދިވެހި އުފެއްދުންތައް ބޭރުގެ ބޮޑެތި މާކެޓުތަކަށް ވިއްކުމަށް ރަނގަޅު ދޮރުތަކެއް ހުޅުވިގެންދާނެއެވެ.
