މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިންސާފުވެރިކަމާ އެކު ހިންގުމަށް ފުރުސަތު ނެތް ކަމަށް ވިދާޅުވެ، އެ ކޮމިޝަނުގެ ރައީސް މުހައްމަދު ފަރުޝަތު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މަގާމުން އިސްތިއުފާ ދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއެއްގައި ފަރުޝަތު ފާހަގަކުރެއްވީ، ހުރިހާ މީޑިއާތަކަކަށް ހަމަހަމަ މާހައުލެއް ގާއިމުކޮށްދިނުމަށް ހުރަސްތަކެއް ހުރުމުގެ ސަބަބުން ކޮމިޝަނުގެ ރައީސްކަމާއި މެންބަރުކަމުން ވަކިވެވަޑައިގަތީ ކަމަށެވެ.
ފަރުޝަތު މި ނިންމެވުން ނިންމެވި ދަނޑިވަޅަކީ، ނޫސްމަޖައްލާތަކަށް ދައުލަތުން ދޭ މާލީ އިނާޔަތް ލިބޭ އުސޫލު އިސްލާހުކުރަން ފަށާފައިވާ ވަގުތެކެވެ. އެގޮތުން، މީގެ ކުރިން ތިން އަހަރު ވެފައިވާ މީޑިއާތަކަށް އެކަނި ލިބެމުން އައި އެހީ، ރަޖިސްޓްރީކުރިތާ އެއް އަހަރުވީ މީޑިއާތަކަށް ވެސް ލިބޭ ގޮތަށް ބަދަލުކުރުމަށް ވަނީ ހިޔާލު ހޯދަން ހުޅުވާލައިފަ އެވެ.
މީޑިއާ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ފަރުޝަތު މި މަގާމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އޭނާއަކީ މީގެކުރިން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގެ އިތުރުން، ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގައި ވެސް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
