ހދ. ކުޅުދުއްފުށީ އޮޑިހަރުގެއަކާއި، ގުދަނަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ވައްކަންކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ރަށު ތަންބީގެ، ހަސީބު އާދަމް (27އ) އާއި ވައިޓްހާޑް، މުހައްމަދު ނަބީލް އަހުމަދު (27އ) އެވެ.
ފުލުހުން ބުނީ، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ރޭ ވައްކަންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ޖުލައި 9 ވަނަ ދުވަހުއެވެ. އެ މީހުން ވަގަށްނެގި ތަކެތީގެ ތެރޭގައި ކަރަންޓު ބުރުމާއާއި، ކަރަންޓު ކީހާއި، ކަޓްއޮފްއާއި، ޓޫލް ބޮކްސްތަކަކާއި ކަރަންޓު ނަރުތަކެއްގެ އިތުރުން ކަރަންޓު އެހެނިހެން ސާމާނު ހިމެނޭ ކަމަށް ވެއެވެ
މި ތަކެތީގެ އަގު 80،000 ރުފިޔާ އަށްވުރެ ބޮޑުވާނެކަމަށް ލަފާކުރެވޭއިރު މި ތަކެތި ހޯދާ، އެ ތަކެތި ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަސީބު އާދަމް ފަސްދުވަހަށް އަދި މުހައްމަދު ނަބީލް އަހުމަދު 12 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ. އަދި މި މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
