މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އަންހެނަކު 50 އަހަރަށް ޖަލަށްލުމާއެކު ދެ ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފިއެވެ.

ކުޅުދުއްފުއްޓަށް އުފަން މި އަންހެންމީހާގެ މައްޗަށް ކޯޓުން މި ހުކުމް އިއްވާފައިވަނީ ދެ ދައުވާއެއް ސާބިތުވުމާ ގުޅިގެންނެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއެވެ. އެގޮތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމްކޮށް އެއްލައްކަ ރުފިޔާގެ ޖޫރިމަނާ ކޮށްފައިވާއިރު ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާ އެއްލައްކަ ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

މި މައްސަލައަކީ މާލެއިން ހަނިމާދޫ އެއާޕޯޓަށް ދިޔަ ފްލައިޓަކުން ފައިބައިގެން ދަނިކޮށް، އޭނާގެ އަމަލުތައް ހުރި ގޮތުން ފުލުހުންނަށް ޝައްކު ވެގެން ހުއްޓުވައި ބަލައިފާސްކުރި އިރު އޭނާ އަޅައިގެން ހުރި ބުރާގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ފެނުނުނު މައްސަލައެކެވެ. މި މައްސަލައިގައި ބްރާގެ ތެރޭގައި ހުރި މަސްތުވާތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާ އަމިއްލައަށެވެ.

ޝަރީއަތުގައި އޭނާ ދައުވާއަށް އިންކާރުކޮށް، އޭނާއަށް މަޖުބޫރީ ހާލަތެއް އޮތް ކަމަށް ބުނި ނަމަވެސް، އެފަދަ މަޖުބޫރީ ހާލަތެއްގެ ތަފްސީލެއް ނުވަތަ ދިފާއީ ހެކިތަކެއް ޝަރީއަތަށް ހުށަހަޅާފައެއް ނުވެއެވެ.

މި މައްސަލައިގައި ކުޅުދުއްފުށީ ކޯޓުން ކުރި ހުކުމުގައި ވަނީ އޭނާގެ ހިޔާޒަތުގައި މަސްތުވާތަކެތި ހުރިކަމާއި، އެކަމުގައި އޭނާގެ ބައިވެރިވުން އޮތްކަން އެނގޭތީ ކުށުގެ މާއްދީ އަދި މައުނަވީ ރުކުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައަޅުއްވައިފައެވެ.