ކުޅުދުއްފުށީ ސިޓީ ކައުންސިލުން، އެ ސިޓީގެ ސަރުކާރު 3 ސްކޫލަށް 2026 ވަނަ އަހަރު ދިނުމަށް ކަނޑައަޅާފައިވާ "ސްކޫލް ގްރާންޓް" ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މި ގްރާންޓުގެ ދަށުން، ފުރުސަތު ހުޅުވާލުމުން ސުކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައިވާ ކަންކަން ހާސިލްކުރުމަށްޓަކައި ކޮންމެ ސްކޫލަކަށް 100،000 ރުފިޔާގެ ގްރާންޓެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރު ގްރާންޓު ދީފައިވާ ސްކޫލުތަކަކީ ހދ.އަތޮޅު އެޑިއުކޭޝަން ސެންޓަރު، ޖަލާލުއްދީން ސްކޫލް އަދި އަފީފުއްދީން ސްކޫލަށެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ސްކޫލް ގްރާންޓް ދިނުމުގެ މައިގަނޑު މަގުސަދަކީ ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސުކޫލްތަކުގެ ވަސީލަތްތައް އިތުރަށް ތަރައްގީކުރުން ކަމަށެވެ. އަދި ދަރިވަރުންގެ ކުރިއެރުމާއި ތަރައްގީއަށް ސްކޫލްތަކުން ހިންގާ ތަފާތު ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މި ގްރާންޓްގެ މަގްސަދެއްކަމުގައި ކުޅުދުއްފުށީ ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ކައުންސިލުން ބުނީ މިއީ ސްކޫލްތަކުގެ ޕީޓީއޭ އިން ސްކޫލްގެ ތަރައްގީއަށް ފަންޑް ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެފަދަ މަސައްކަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދިނުމުގެ ގޮތުން ދެމުންދާ ގްރާންޓެއް ކަމަށެވެ
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މި ގްރާންޓް ޕްރޮގްރާމްގެ ދަށުން 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުވެސް ކޮންމެ ސްކޫލަކަށް 100،000 ރުފިޔާ ދޫކޮށްފައިވެއެވެ. އަދި 2022 ވަނަ އަހަރު ކޮންމެ ސްކޫލަކަށް 50،000 ރުފިޔާގެ ގްރާންޓެއް ދޫކޮށްފައިވާކަން ކައުންސިލުން މައުލޫމާތުދެއެވެ.
