ނ. ފޮއްދޫގައި ތަރައްގީކުރާ ޕޮލިސް ޕޯސްޓް އިމާރާތް ކުރުމުގެ މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ އިމާރާތުގެ ދޮރުތައް ހަރުކުރުމުގެ މަސައްކަތްކަމަށެވެ.

މި މަޝްރޫއަކީ ރާއްޖޭގެ ރަށްރަށުގައި ކުށްމަދުކުރުމަށާއި، އަމާން މާހައުލެއް ގާއިމުކުރުމަށް ޓަކައި ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮށް، ލާމަރުކަޒީ އުސޫލުން ފުލުހުންގެ ހިދުމަތް ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފޮއްދޫ ޕޮލިސް ޕޯސްޓް އިމާރާތްކުރުމަށް އެމްޓީސީސީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މާޗު 2025 ގައެވެ.

ފޮއްދޫގައި ޕޮލިސް ޕޯސްޓު ގާއިމުކުރުމުގެ އިތުރުން ފޮއްދޫ ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަޝްރޫއާއި ފޮއްދޫ ފިޓްނަސް އެންޑްރެކްރިއޭޝަން ސެންޓާ އިމާރާތްކުރުމުގެ މަޝްރޫއު އަދި ފޮއްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝަރޫއު އެމްޓީސީސީން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

504 މީހުންގެ އާބާދީއެއް ދިރިއުޅޭ ނ. ފޮއްދޫ ރައްޔިތުންނަށް މިފެށިގެންދާ މަޝްރޫއުތަކު ގެ މަސައްކަތް ފުރިހަމަކުރެވުމާއެކު އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަމަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއިއެކު ނިންމާފައިވެއެވެ.