ރަސްމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ-ފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ހުރިހާ މަރުހަލާއެއްގައިވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ދިވެހިންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށް އެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލީ އަލްއައްބާރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ސޮއިކޮށްފައިވާ މި ތާރީހީ އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ މަތީ ފަންތީގެ ރެސިޑެންސްތަކާއި، ޒަމާނީ ފެންވަރުގެ މެރީނާއަކާއި، ވިޔަފާރިއާއި ކެއިންބުއިމުގެ ހިދުމަތްތަކުގެ އިތުރުން ފެންވަރު ރަނގަޅު ސިއްހީ އަދި ތައުލީމީ އެކި ވަސީލަތްތައް ހިމެނޭ ބޮޑު މަޝްރޫއެކެވެ.

މި މަޝްރޫއާ ގުޅޭގޮތުން މިއަދު ފޭދޫފިނޮޅު ރިސޯޓުގައި ނޫސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން އަދި ސަރުކާރުގެ ބައެއް ވަޒީރުންނާ އެކު ބޭއްވި ހާއްސަ ބައްދަލުވުމުގައި އަލްއައްބާރް ވިދާޅުވީ، އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އިގްތިސާދަށާއި ދިވެހި ވިޔަފާރިތަކަށް ލިބެންޖެހޭ މަންފާ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ މި މަޝްރޫއުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ 100 ޕަސެންޓަކީ ދިވެހިންނަށް ހެދުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ. އަދި މި މަޝްރޫއުގައި ދިވެހި ވިޔަފާރިވެރިންނަށް އިންވެސްޓް ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައި ވެއެވެ.

މި ފުރުސަތު ހުޅުވާލީ ކުންފުންޏަށް ރައުސްމާލު (ފައިސާ) ބޭނުންވެގެން ނޫން ކަމަށާއި، މަގުސަދަކީ މިފަދަ ބިޔަ މަޝްރޫއަކުން ލިބޭ ބޮޑު މާލީ ފައިދާގައި ދިވެހި ވިޔަފާރިވެރިންނަށް ވެސް ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުމުގެ މަގްސަދުގައި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އަލްއައްބާރު އިތުރަށް ވިދާޅުވީ، ކޮންމެ ގައުމެއްގައި މަޝްރޫއެއް ހިންގި ނަމަވެސް، އެ ގައުމެއްގެ ރައްޔިތުންނަށް އޭގެ ސީދާ ފައިދާ ނުކުރާ ނަމަ އެއީ ނާކާމިޔާބު މަޝްރޫއެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އެހެންކަމުން، މި މަޝްރޫއު ވެގެންދާނީ ދިވެހި އިގްތިސާދަށާއި ރައްޔިތުންގެ ފުދުންތެރިކަމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ކާމިޔާބު މަސައްކަތަކަށް ކަމުގެ ޔަގީންކަން ވެސް ދެއްވާފައި ވެއެވެ.

ރަސްމާލެ މަޝްރޫއު އެއްކޮށް ނިމި ފުރިހަމަވާ ހިސާބަށް ދާއިރު ކޮންމެ އަހަރަކު މަދުވެގެން އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު އެމަޝްރޫއު ތަރައްގީ ކުރަމުންދާ މުއްދަތުގެ ތެރޭގައި، ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.