މާފަންނު ސްޓޭޑިއަމް ސަރަހައްދުން ދޫކޮށްފައިވާ ބިމުގައި ހަދާފައިވާ އިމާރާތް ހުސްކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންގި އެންގުމަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ހުށަހެޅި މައްސަލައިގައި، ދެ ފަރާތް ވާހަކަ ދައްކައިގެން ކޯޓުން ބޭރުން ހައްލެއް ހޯދުމަށް ސިވިލް ކޯޓުން އެއް ހަފުތާގެ މުއްދަތެއް ދީފިއެވެ.

މި މައްސަލައަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ފަޒީލް (އޮއްޕޮ) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ ދަށުން ހިންގާ "ފިއުޗާ ހޯމްސް" ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ފިއުޗާ ހޯމްސްއިން ބުނާ ގޮތުގައި 2023 ވަނަ އަހަރު އެފްއޭއެމްއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، އެފްއޭއެމްގެ ޓާފް ދަނޑުގެ ދެކުނު ފަރާތުގައި ހުރި ކުނިތައް ސާފުކޮށް، ޗޭންޖިން ރޫމެއް އެޅުމަށް އެ ކުންފުންޏަށް ސްޓޭޑިއަމުން 2,700 އަކަފޫޓުގެ ބިމެއް 25 އަހަރަށް ކުއްޔަކާ ނުލައި ދީފައިވެއެވެ. އަދި މި އެއްބަސްވުމާ އެއްގޮތަށް އެ ބިމުގައި ދެ ބުރީގެ އިމާރާތެއް އަޅައި، އެތައް މިލިއަން ރުފިޔާއެއް އެ ކުންފުނިން ވަނީ ހަރަދުކޮށްފައެވެ. އެ އިމާރާތް ބޭނުންކުރަމުން ދަނިކޮށް، އެއްބަސްވުމަށް އަމަލުނުކޮށް އިމާރާތް ހުސްކުރުމަށް އެފްއޭއެމުން އަންގާފައިވާކަމަށް ފިއުޗާ ހޯމްސްއިން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ފިއުޗާ ހޯމްސްއިން ބުނީ އެފްއޭއެމްގެ އެންގުމާ އެއްގޮތަށް އަމަލުކޮށްފި ނަމަ އިޔާދަނުކުރެވޭނެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ. އަދި އެފްއޭއެމްގެ މާލީ ހާލަތު ހުރި ގޮތުން އެ ގެއްލުމުގެ ބަދަލު ދެވޭނެ ފަދަ ގާބިލްކަމެއް އެ އިދާރާގައި ހުރި ކަމަށް ގަބޫލެއް ނުކުރެވޭކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އިތުރަށް އެ ކުންފުނިން ބުނީ ބިން ހުސްކުރަން ދެކޮޅު ނުހަދާ ކަމަށާއި، ނަމަވެސް އެތަނަށް ކުރި ހަރަދުތަކާއި ލިބޭނެ ގެއްލުމުގެ ބަދަލު ލިބެންޖެހޭނެ ކަމަށެވެ.

އެފްއޭއެމުން ތުހުމަތުކުރާ ގޮތުގައި އެ އިމާރާތް އަޅާފައިވަނީ ހައުސިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލުން ނަގަންޖެހޭ ހުއްދަތައް ނުނަގައެވެ. މި މައްސަލައިގައި އެފްއޭއެމް އިން ބުނީ ފިއުޗާ ހޯމްސްއާއެކު ވެފައިވާ އެއްބަސްވުމުގައި އަގުތައް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށާއި، އެ އަދަދުތަކަކީ އެފްއޭއެމަށް ދެއްކޭނެ ވަރުގެ އަދަދުތަކެއް ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.