ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ) ގެ ތެރެއިން ކުރިއަށްދާ މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އިސް ހާރިޖީ ސިޔާސަތު ކަމުގައިވާ "މޯލްޑިވްސް ފަސްޓް" ނުވަތަ އެންމެ ފުރަތަމަ ރާއްޖެ އިސްކުރުމުގެ ސިޔާސަތާ ނުހަނު ބޮޑަށް ގުޅިލާމެހިފައިވާ ކަންކަން ކަމަށް ދިވެހިރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާ އިބްރާހީމް ލަތީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ވިލާ ނޯޓިކާ ރިޒޯޓުގައި ފެށި ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްތަރު ހަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހްސާން އަދި ސަލާމަތީ ކަންކަމާ ގުޅޭ ދައުލަތުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިބްރާހީމް ލަތީފް ވިދާޅުވީ، ސީއެސްސީގެ މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ސަލާމަތީ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. އަދި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ރާވައިގެން ހިންގާ ބައިނަލްއަގްވާމީ ކުށްތައް ހުއްޓުވުމާއި، ކާރިސީ ހާލަތްތަކުގައި އެއްބާރުލުން ދިނުމަކީ މި ޖަމާއަތުގެ މައިގަނޑު އަސާސްތައް ކަމުގައި ފާހަގަކުރެއްވިއެވެ.

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ) ގެ ތެރެއިން

"މީގަ އެންމެ މުހިންމު ކަމަކަށް މިވަނީ ހާއްސަކޮށް ރާއްޖެ ކަހަލަ، ކުޑަގައުމަކަށް އަޅުގަނޑުމެންގެ އޭޖެންސީތައް ބާރުވެރިކޮށް ތަމްރީނުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. އަޅުގަނޑުމެންގެ އެ ކެޕޭސިޓީ އަދިއެއް ނެތް. އެހެންނަމަވެސް އިދާރާތަކުގެ ގާބިލްކަން ވީހާވެސް ވަރަކަށް، މިނިވަންކޮށް ބާރުވެރިކޮށް ވަރުގަދަކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް އެބަދޭ، މިކަމުގެ ސަބަބުން އެކަމަށްވެސް އެހީތެރިކަން ލިބިގެންދާނެ،" އިބްރާހީމް ލަތީފް ވިދާޅުވިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ސީއެސްސީގެ މެންބަރު ގައުމުތައް ކަމަށްވާ ރާއްޖެ، އިންޑިއާ، ސްރީ ލަންކާ، އަދި ބަންގްލަދޭޝްގެ ގައުމީ ސަލާމަތާ ބެހޭ އިސް ވަފުދުތަކުން ބައިވެރިވިއެވެ. މީގެ އިތުރުން މެހެމާނު ގައުމުތަކުގެ ގޮތުގައި އޮސްޓްރޭލިއާ އަދި މެލޭޝިއާއިން ވެސް މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މީގެ 15 ވަރަކަށް އަހަރު ކުރިން، 2011 ވަނަ އަހަރު ރާއްޖެ، އިންޑިއާ އަދި ލަންކާ އިސްވެ އުފެއްދި މި ޖަމާއަތުގައި މިހާރު 6 ގައުމެއް ހިމެނެއެވެ.

މި ފަހަރުގެ ބައްދަލުވުން ނިންމާލުމަށްފަހު މެންބަރު ގައުމުތަކުން ނެރުނު ގުޅިފައިވާ ބަޔާނުގައި ވަނީ، ސީއެސްސީގެ މައިގަނޑު ފަސް ތަނބުގެ މައްޗަށް ބިނާކޮށް ގުޅުންތައް ހަރުދަނާކުރުމަށާއި، އިންޑިއާ ކަނޑަކީ އަމާން، ރައްކާތެރި އަދި ދެމެހެއްޓެނިވި ސަރަހައްދަކަށް ހެދުމަށް ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް އެއްބަސްވެފައެވެ.