ތިލަފުށި ކާގޯ ޓާމިނަލަށް ކޮންޓޭނަރ އުފުލާ ބޮޑު އުޅަނދެއް ފުރަތަމަ ފަހަރަށް ކައިރިކޮށް، ކޮންޓޭނަރ ބޭލުމުގެ ތާރީޚީ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފިއެވެ.

އެމްޕީއެލް އިން މައުލޫމާތު ދޭ ގޮތުގައި، މި މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ މިއަދުއެވެ. އެގޮތުން ތިލަފުއްޓަށް ފުރަތަމަ ކައިރިކުރި ކޮންޓޭނާ ވެސަލް "އެމްއެސްއެސް ގަލީނާ" އިން ރާއްޖެއަށް ޖުމްލަ 524 ޓީއީޔޫގެ މުދާ ގެނެސްފައިވާއިރު، އޭގެ ތެރެއިން 490 ޓީއީޔޫ ބޭލުމަށް ހަމަޖެހިފައި ވަނީ ސީދާ ތިލަފުށީ ކާގޯ ޓާމިނަލަށެވެ. މިއީ ތިލަފުށީގެ ބަނދަރަށް މިފަދަ އުޅަނދެއް ކައިރިކޮށް ކޮންޓޭނާ ބޭލި ފުރަތަމަ ފަހަރެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން އެމްޕީއެލް އިން ބުނީ، ތިލަފުށީގައި ކޮންޓޭނާ ބޭލުމުގެ މަސައްކަތްތައް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިއަހަރުގެ މެއި މަހުން ފެށިގެން ކުރަމުން އައިސްފައިވާ ކަމަށެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު ސަބަބަކީ، އާންމު އުސޫލުން އާ އަހަރާ ދިމާކޮށް އަދި ރަމަޟާން މަސް ނިމޭތާ އެއް މަސް ދުވަހާ ހަމައަށް ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު ބޮޑުތަނުން އިތުރުވެގެންދާތީއެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެ، އާ ރިސޯޓުތައް ހުޅުވި އެނދުގެ އަދަދު އިތުރުވަމުން ދިޔުމަކީވެސް މުދާ އެތެރެކުރާ މިންވަރު އިތުރުވާނެ ސަބަބެކެވެ.

ތިލަފުއްޓަށް ކައިރިކުރި ފުރަތަމަ ކޮންޓެއިނާ ބޯޓުން މުދާ ބާލަނީ

އެހެންކަމުން، މި އިންތިޒާމުތައް މިގޮތަށް ހަމަޖެއްސުމުން މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ވިޔަފާރިވެރިންނަށް އެއްވެސް ތަކުލީފަކާ ނުލައި ވީހާވެސް އަވަހަށް މުދާ ކްލިއާ ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެމްޕީއެލް އިން ފާހަގަކުރެއެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް އެއްކޮށް ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫއުގެ މަސައްކަތްތައް މިހާރުވެސް ބާރަށް ކުރިއަށް އެބަދެއެވެ. އެގޮތުން، ތިލަފުށީ ބަނދަރުގައި އަލަށް ތަރައްގީކުރާ 375 މީޓަރުގެ ކީވޯލްގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އިން މިހާރު ދަނީ އެ މަސައްކަތް ކުރަމުންނެވެ. މި ކީވޯލްގެ މަސައްކަތް 2027 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެއެވެ.

އެމްޕީއެލްގެ މައިގަނޑު އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ދާއިރު، މާލޭ ވިޔަފާރި ބަނދަރުގެ ހުރިހާ އޮޕަރޭޝަންތަކެއް އެއްކޮށް ތިލަފުއްޓަށް ބަދަލުކޮށް، ޒަމާނީ ފެންވަރެއްގައި ހިދުމަތް ދޭން ފެށުމެވެ.