އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ބޮޑު އިނާމެއްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސް އިން ފަށައިފިއެވެ.

"ރީޗާޖް އެންޑް ވިން" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަނަކީ އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން، 4 ސެޕްޓެންބަރުން ފެށިގެން މިއަހަރުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނެކެވެ. މިއީ ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ރީޗާޖުކުރުމަށާއި، މޯބައިލް ޚިދުމަތްތައް މެނޭޖުކުރުމަށް އުރީދޫ އެޕް ބޭނުންކުރާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

އުރީދޫ މޯލްޑިވްސްއިން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި ޕްރީޕެއިޑް ކަސްޓަމަރުން ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އުރީދޫ އެޕް މެދުވެރިކޮށް މަދުވެގެން 300 ރުފިޔާއިން ރީޗާޖުކުރަން ޖެހޭނެއެވެ. ނުވަތަ 300 ރުފިޔާ އަދި އެއަށްވުރެ މަތީ އަދަދެއްގެ ޕެކެއް އެކްޓިވޭޓްކުރަން ޖެހޭނެއެވެ. ޝަރުތު ހަމަވާ ކޮންމެ ޓްރާންސެކްޝަނަކާއެކު، ހަފްތާގެ ގުރުއަތުލުމަށާއި ގްރޭންޑް ޕްރައިޒް ގުރުއަތުލުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެހެންކަމުން، އެޕް މެދުވެރިކޮށް ރީޗާޖުކުރާ ނުވަތަ ޕެކް އެކްޓިވޭޓްކުރާ މިންވަރަކަށް އިނާމު ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 12،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕްރޮމޯޝަން ނިމުމުން، ހޮވޭ އެއް ނަސީބުވެރިއަކަށް 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ލިބިގެންދާނެއެވެ. މުޅި ޕްރޮމޯޝަންގެ ތެރޭގައި ކަސްޓަމަރުންނަށް އެތައް ފަހަރަކު ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. މިސާލަކަށް، ހަފްތާއެއްގެ ތެރޭގައި ޝަރުތު ހަމަވާ 300 ރުފިޔާގެ ދެ ރީޗާޖުކުރާ ކަސްޓަމަރަކަށް އެ ހަފްތާގެ ގުރުއަތުގައި ދެ ފުރުސަތު ލިބުމުގެ އިތުރުން، އެ ދެ ފުރުސަތު ގްރޭންޑް ޕްރައިޒް ގުރުއަތުލުމުގައިވެސް ގުނޭނެއެވެ.

މި ޕްރޮމޯޝަންގެ މައިގަނޑު މަގުސަދަކީ ޑިޖިޓަލްކޮށް މޯބައިލް ޚިދުމަތްތައް މެނޭޖުކުރުމުގެ ފަސޭހަކަން ތަޖުރިބާކުރުމަށް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ހިތްވަރުދިނުމެވެ. އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ރީޗާޖުކުރުމާއި، ޕެކްތައް އެކްޓިވޭޓްކުރުމުގެ އިތުރުން އެކައުންޓްތައް މެނޭޖުކޮށް ސީދާ ސްމާޓްފޯނުން އުރީދޫގެ ތަފާތު ހިދުމަތްތައް ހޯދޭނެއެވެ.

މި ޕްރޮމޯޝަނަކީ، ކަސްޓަމަރުންނަށް ފަސޭހައިން ލިބޭ ޑިޖިޓަލް ތަޖުރިބާތަކެއް ފޯރުކޮށްދީ، އާންމު ދިރިއުޅުމުގެ ގުޅުންތައް އިތުރަށް ފަސޭހަކޮށްދިނުމަށް އުރީދޫ މޯލްޑިވްސްގެ "ޑިޖިޓަލް މޯލްޑިވްސް" ތަސައްވުރުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.