މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ ތެރެއިން، ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތްތައް ފެށުމަށްޓަކައި ވެސްޓްޕާކާ ދިމާލުން މަގުގެ އެއް ފަޅި ރޭ ދަންވަރު ބަންދުކޮށްފި އެވެ.
މި މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން ހާމަކުރި ގޮތުގައި، މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ރޭ 12:00 އިން ފެށިގެން އެ ސަރަހައްދުގެ އެއް ލޭން ވަނީ ދަތުރުފަތުރަށް ބަންދުކުރެވިފަ އެވެ. ނަމަވެސް، މަގު ބޭނުންކުރާ އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އަނެއް ފަޅިން ދުއްވާ އެއްޗެއްސަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މި ބަދަލާ ގުޅިގެން މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެމްޓީސީސީން ވަނީ މައާފަށް އެދިފަ އެވެ.
މާލޭގެ އުތުރު ފަރާތުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، މަސްމާރުކޭޓުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް އެއްގަމުތޮށި ބޭރަށް ޖައްސައި، ހަތަރު ލޭނުގެ ތާރު މަގެއް ވަނީ ތަރައްގީކޮށްފަ އެވެ. މީގެ އިތުރުން، ދެވަނަ ފިޔަވަހީގެ ދަށުން މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރާ ދެމެދު އޮތް ސަރަހައްދުވެސް ވަނީ ފުޅާކޮށް ނިންމާލައިފަ އެވެ.
މިހާރު ފަށާފައިވާ ތިންވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން، މާލޭގެ ހުޅަނގު އުތުރު ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް އަންނާނެ އެވެ.
