ދައުލަތަށް އިތުރަށް ދައްކަންޖެހޭ ޓެކްސް ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ނުދައްކައިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި ލިސްޓުގައި، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލާއި މަޝްހޫރު ފިލްމީ ތަރި އަދި ކޮމެޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ހިމެނިއްޖެއެވެ.
މީރާއިން މިދިޔަ ސެޕްޓެމްބަރު މަހު ޢާންމުކޮށްފައިވާ "އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ޓެކްސް ދައްކަންޖެހި ނުދައްކާ ފަރާތްތަކުގެ ލިސްޓު" ގައިވާ ގޮތުން، ބައްސާމް އަދީލް ޖަލީލް ރަޖިސްޓްރީ ކޮށްފައިވަނީ ޓީއައިއެން 1056435 އަދި ޓެކްސްޕޭޔާ ރަޖިސްޓްރޭޝަން ނަންބަރު A044256 ގެ ދަށުންނެވެ. އޭނާގެ އެޑްރެހެއްގެ ގޮތުގައި ގ. ފަހިވާގެ، ބަނަފްސާ މަގު ހިމަނާފައިވާއިރު، އޭނާގެ ނަމުގައި ވަކި ވިޔަފާރި ހަރަކާތެއް ރަޖިސްޓްރީކޮށްފައި ނުވާ ކަމަށް ލިސްޓުގައި ބަޔާންކޮށްފައިވެއެވެ. ބައްސާމަކީ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ އެފްއޭއެމްގެ ރައީސްކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައިވާ ފަރާތެކެވެ. ނަމަވެސް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ކޮވިޑް-19 ގެ އެހީގެ ގޮތުގައި އެފްއޭއެމަށް ދިން ފައިސާއަށް ހިޔާނާތްތެރިވެ، އަމިއްލަ މަންފާއަށް ބޭނުންކުރި މައްސަލައިގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން މުޅި އުމުރަށް ސަސްޕެންޑްކޮށްފައެވެ.
މީގެއިތުރުން، އާންމުންގެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޔޫސުފް ރަފީއު (ޔޫސޭ) އެ ލިސްޓުގައި ހިމެނިފައިވަނީ ޓީއައިއެން 1001638 އަދި ރަޖިސްޓްރޭޝަން ނަންބަރު A062323 ގެ ދަށުންނެވެ. ޔޫސުފް ރަފީއުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުގެ ތެރޭގައި ތާ އަތޮޅު ފިހާރަ، ޔޫސުފް ރަފީއު އަދި ބުހާރީ ސްޓޯރު ހިމެނެއެވެ.
މީރާއިން ޝާއިއުކޮށްފައިވާ މި ލިސްޓަކީ އެއް މިލިއަން ރުފިޔާއަށް ވުރެ ގިނައިން ޓެކްސް ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓަކަށް ވީނަމަވެސް، މީގެ ތެރެއިން ވަކިވަކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ސީދާ އަދަދެއް މީރާގެ ލިޔެކިޔުންތަކުގައި ހާމަކޮށްފައެއް ނުވެއެވެ.
