މާލެއިން ފުރައިގެން ރ. އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ކާށިދޫ ކަނޑަށް އަރިއަޅާލައި، ދިޔަވާތީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ "ސީލައިން 3" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއްގައި ކަމަށެވެ. މި ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެން ގޮސް، ދޯނި އަރިއަޅާލައިގެން ދިޔަވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:57 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ޖުމްލަ 4 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެކެވެ.
ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން، ފުލުހުން އެ ސަރަހައްދަށް ގޮސް ދޯނި އަޑިއަށް ދިޔަނުދީ ސަލާމަތްކުރުމަށްޓަކައި ދޯނީގައި ހުރި ބައެއް މުދާތައް ވަނީ ކަނޑަށް ދޫކޮށްލާފައެވެ. ދޯނި ދިޔަވެފައިވާތީ، ދިޔަ ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ރަށަކީ އައްޑޫ ސިޓީ ފޭދޫއެވެ. އެ ރަށުގެ 95 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، އޭގެ ތެރެއިން ހަތް ގެއަކަށް ދިރިނޫޅެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެން މީހުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހުނު ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ މީގެ ކުރިން ބުނެފައެވެ.
