ސާފުތާހިރު ސިޔާސީ މަސައްކަތެއް ކުރެވޭނީ ގައުމު އިސްކޮށްގެންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ފެށުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ ޕީއެންސީ ޕާޓީގެ މަސައްކަތްތައް ކުރިއަށްދާނީ އަބަދުވެސް ހަމަޖެހުން، ތަރައްގީ އަދި ރައްކާތެރިކުރުމުގެ ސިޔާސަތުގެ މަތިން ގައުމު އިސްކޮށްގެން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާކަންކަން ފޯރުކޮށްދިނުމަށް ޒިންމާދާރު ސިޔާސީ މަސައްކަތެއް ކުރުންމަތީ ޕީއެންސީ އަބަދުވެސް ދެމި އޮންނާނެކަމަށެވެ. ޒުވާންކުދިންގެ ތެރޭގައި ސިޔާސީ މަސައްކަތަކީ ބޭކާރު ކަމެއްކަމުގައި ވިސްނިފައި އޮތް ނަމަވެސް ގައުމު އިސްކުރުމުގެ ވިސްނުން އިސްކޮށްފިނަމަ ކުރެވޭނީ ސާފުތާހިރު ސިޔާސީ މަސައްކަތެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ވާދަވެރިކަމުގައި ވެރިކަމުގައި އޮތް ޕާޓީއަށް ގެއްލުންދިނުމަށް އިދިކޮޅު ބައެއް ފަރާތްތަކުން މަސައްކަތްކުރާކަމަށާއި، މިފަދައިން އަމަލު ކުރުމަކީ ގައުމު އިސްކުރުމުގެ ސިޔާސަތާ މުޅިން ހިލާފުކަމެއްކަމަށެވެ.

ރައީސް ވަނީ ސިޔާސީ ގޮތުން ކޮންމެ ފިކުރެއްގެ މީހެއްކަމުގައި ވީނަމަވެސް ދިވެހިންގެ ގައުމު އިސްކޮށް، ދީނާއި، ގައުމު ކުރިއެރުވުމަށް ކުރާ މަސައްކަތަކަށް އެއްބާރުލުންދީ ކުރިއެރުވުމަށް މަސައްކަތްކުރުމަށް އިލްތިމާސްކޮށްފައެވެ.

މިއަދު ހެނދުނުން ފެށިގެން ޕީއެންސީ ކޮންގްރެސްގެ އެކި ހަރަކާތްތައް ފަށާފައިވާއިރު، މާދަމާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގައި 1،300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.