ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގައި ޕާކުކޮށްފައި އޮތް ކާރެއްގައި އުޅަނދަކުން ޖެހުމަށްފަހު މަޑުނުކޮށް ފިލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނެސްޓް، ލ. ކަލައިދޫ، ގުފްރާން ހާލިދު (26 އަހަރު) ކަމަށެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގެ ބެރެބެދިމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އުޅަނދަކުން ޖެހުމުން ވެސް މަޑުނުކޮށް ގޮސްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ރޭ 19:10 އެހައިކަންހާއިރު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެމީހާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި، އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން ދުއްވި އުޅަނދު ބަލައި ފާސްކުރި އިރު، ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
