މާލެ އާއި ހުޅުމާލޭގެ އެއްގަމު ދަތުރުފަތުރާއި ޓްރެފިކްގެ ކަންކަން ހަރުދަނާކޮށް ބެލެހެއްޓުމަށް އަލަށް އުފެއްދި "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ކަސްޓަމްސްގެ ކުރީގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއު އައްޔަންކުރައްވައިފިއެވެ.

މި އޮފީހަކީ އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގެ ދަށުން، މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތަކަށް ހާއްސަ ހައްލެއް ހޯދުމުގެ މަގުސަދުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގުމަށް އުފެއްދި ވަކި އިދާރާއެކެވެ.

މި ސަރުކާރު ފެށުނުއިރު އެންމެ ފުރަތަމަ މާނިއު ހުންނެވީ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް މަގާމުގައެވެ. އެއަށްފަހު ހޯމްލޭންޑް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރަކަށް ވަނީ އައްޔަންކުރައްވާފައެވެ. ނަމަވެސް މާނިއު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ރައީސްއަށް ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މި އޮފީސް އުފެއްދެވީ މިދިޔަ ޖުލައި މަހުއެވެ. ތިން އަހަރުގެ މުއްދަތަކަށް އުފައްދާފައިވާ މި އޮފީހަށް ބޮޑެތި ޒިންމާތަކެއް ވަނީ މަތިކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމާއި ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސިޔާސަތުތައް ކަނޑައެޅުމާއި، އެއްގަމު ދަތުރުފަތުރުގެ ހަރުދަނާ އާބަން ޕްލޭނެއް އެކުލަވާލައި މަގުތައް ތަރައްގީކުރުން ހިމެނެއެވެ.

އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ތަސްދީގުކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވެފައިވަނީ، މާލެ ސަރަޙައްދަށް ހާއްސަކޮށްގެން އުފައްދާ މި އޮފީހަކީ ގިނަ އަހަރުތަކެއްގެ ތަޖުރިބާއަށް ބެލުމަށްފަހު ނިންމެވި ނިންމެވުމެއް ކަމަށެވެ.