ވަގުފަށް ހާއްސަ ގައުމީ ކުންފުންޏެއްގެ ގޮތުގައި އުފެއްދި އާ ކުންފުނި "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑް" އަކީ ދިވެހިރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދީ، ދީނީ ރޫހު އިތުރުވެ ރޫހާނީ އުންމީދީ އަލިވިލުމަކަށް ވާސިލުވުމަށް މަގުފަހިކޮށްދޭނެ ކުންފުންޏެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންސާނުން ވިސްނާގޮތް ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި އިސްލާމްދީން އިލްމުވެރިކަމަށާއި، ބުރަކޮށް މަސައްކަތްކުރުމަށާއި، މިނިވަންކަމާއި ބާރުވެރިކަމަށް ގޮވާލާ ކަމަށެވެ. އެގޮތުން ދިވެހީން އިލްމު ހޯދުމަށް އުފުލި ބުރަތަކާއި، ކާބަފައިން އަމިއްލަ އަތުން ތަކެތި އުފައްދައިގެން ބިނާކުރި ފުދުންތެރި ދިރިއުޅުމާއި، ބޭރުގެ ފަރާތްތަކާ އެކު ހާރިޖީ ގުޅުންތައް ގާއިމުކުރުމުގައި ގެންގުޅުނު ހަރުދަނާ ސަގާފަތުގެ އަސްލަކީ ވެސް މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އިސްލާމްދީނަކީ ފުދުންތެރިކަމަށް ގޮވާލާ، ވިޔަފާރިއާއި އުފެއްދުންތެރިކަމުގައި އަދުލުވެރިކަން ދަމަހައްޓާ ޝާމިލް ދީނެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިސްލާމީ ޝަރީއަތުގައި ވަގުފަކީ އިގްތިސޯދީ އަދި އިޖުތިމާއީ އެތައް މަންފާތަކެއް އެކުލެވިގެންވާ އިލާހީ ހިކްމަތްވަންތަ ނިޒާމެއް ކަމަށެވެ. އަދި ތާރީހަށް ބަލާއިރު ވެސް ފިކުރީ އިލްމީ ސިކުނޑިތައް ބިނާކުރުމަށާއި، މިސްކިތްތަކާއި ލައިބްރަރީތައް އަދި އިސްލާމީ މަރުކަޒުތައް ގާއިމުކުރުމުގައި ވަގުފުގެ ދައުރު ބޮޑުކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ދީނީ ކަންކަމަށް ކުރެވޭ ހޭދަތައް އިތުރުކުރުމަށާއި، އެކި ސަރަހައްދުތަކުގައި ޒަމާނީ އުސޫލުން މިސްކިތްތައް ބިނާކޮށް ބެލެހެއްޓުމަށާއި، އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ފުޅާކުރުމަށްޓަކައި އަލަށް އުފެއްދެވި ކުންފުންޏަކީ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ކުންފުނީގެ ސަބަބުން ވަޤުފުގެ ތެރެއިން ﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބި، ފަރުދީ ހިތްހަމަޖެހުމާއި ގައުމީ އުމްރާނީ ކުރިއެރުން ހާސިލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މި ކުންފުންޏަކީ ރާއްޖޭގެ ދީނީ ދާއިރާއަށް އާ ދިރުމެއް ގެނެސްދީ، ގައުމީ އަދި އިޖުތިމާޢީ ވެށްޓަށް ލިބޭނެ ހާއްސަ ޒީނަތެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ސަރުކާރުން ކުރަމުންދާ ވަށާޖެހޭ ތަރައްގީގެ މަސައްކަތުގައި ވެސް މުހިންމު ދައުރެއް އަދާކުރާނޭ ވަސީލަތެއް ކަމުގައެވެ.
