މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ގ.ޕެލިކަން ގޭގެ ވެރިފަރާތް އިބްރާހީމް ނާޒިމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ 10 އަހަރުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ކޯޓުގައި ދައުވާކޮށް، ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ. ގާނޫނުގެ އެ މާއްދާގައި ބަޔާންކުރަނީ އެނގިހުރެ މަސްތުވާތަކެތީގެ އަމަލެއް ހިންގުމަށް އެއްވެސް އުޅަނދެއް، ގޭގެއެއް ނުވަތަ އިމާރާތެއް ދިނުން ނުވަތަ ބޭނުންކުރުމުގެ ހުއްދަ ދިނުމަކީ ކުށެއް ކަމަށެވެ.
ކޯޓުން ކުރި ހުކުމުގައިވަނީ އެގޭގައި މަސްތުވާތަކެތި ވިއްކާ ކަމަށް ލިބުނު ރިޕޯޓާއި ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާއެކު އެގެ ބަލާ ފާސްކުރުމަށް ފުލުހުން ދިއުމުން ގޭގެ މައި ގޭޓު ހުޅުވާފައިނުވާކަށެވެ. އަދި އެ ގޭޓު ނުހުޅުވުމުން ފުލުހުން ބާރުގެ ބޭނުންކޮށްގެން އެގެއަށް ވަންއިރު މުހައްމަދު ނާޒިމް އާއި އަހްމަދު ރަގާބް އެތަނުން ފެނިގެން އެމީހުންގެ ހާޒިރުގައި އެގެ ބަލާ ޗެކްކޮށްފައިވާ ކަމަށެވެ.
2019 ވަނަ އަހަރު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މިގެ ބަލާފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފާއިވާއިރު މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ނެރުނު ހުކުމުގައިވާ ގޮތުން، ގ.ޕެލިކަން ގޭގައި މަސްތުވާތަކެތީގެ އަމަލުތައް ހިންގާކަން އެނގިހުރެ އެކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާތީ، ގޭގެ ވެރިފަރާތުގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަށެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި އިބްރާހީމް ނާޒިމް ވަނީ އެގޭގެ ދެ ފަންގިފިލާ ކުއްޔަށްދީފައިވާކަމަށް ބުނެ މިކަމުގެ އެއްބަސްވުން ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައެވެ. އެހެންނަމަވެސް ކޯޓުން ވަނީ އެގޭގައި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަން ގޭގެ ވެރިފަރާތަށް އެނގޭކަން ކޯޓަށް ހުށަހަޅާފައިވާ ހެކިތަކުން ސާބިތުވާކަމަށް ބުނެފައެވެ.
މީގެ ކުރިންވެސް އެކަން ހުއްޓުވުމަށް ފުލުހުން ނޯޓިސް ފޮނުވާކަން ފާހަގަކޮށް ކޯޓުން ބުނީ ގޭގެ ވެރިފަރާތުން ކުއްޔަށް ދިނުމަށް ހަދާފައިވާ އެއްބަސްވުން ބާތިލުކޮށްފައި ނުވާކަމަށެވެ. އެހެންކަމުން ކޯޓަށް ހުށަހެޅުނު ހެއްކާއި ގަރީނާއަށް ބަލާ އޭނާގެ މައްޗަށް ޝައްކެތް ނެތް މިންވަރަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.
