ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލައެއްގައި ކުށް ސާބިތުވެފައިވާ، އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތުމާ ގުޅިގެން އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމަށް ބާއްވަން ތާވަލުކުރި އަޑުއެހުން ކްރިމިނަލް ކޯޓުން ފަސްކޮށްފި އެވެ.

2019 ވަނަ އަހަރު ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، މަސައްކަތް ފުރިހަމަނުކުރަނީސް އަދި ނިންމިކަން ކަށަވަރުނުކޮށް ފައިސާ ދޫކުރި މައްސަލައިގައި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް މަރިޔަމް ދީނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.

އޭނާގެ މައްޗަށް ސާބިތުވި ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ. އަދި ހުކުމް އިއްވެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މިއަދު ހެނދުނު 10:00 ގައި ހުކުމް ކުރުމަށް އަޑުއެހުމެއް ތާވަލުކުރި ނަމަވެސް، ކަރެކްޝަންސް އިން އަންގާފައިވަނީ ދީނާއަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާތީ މިއަދު ކޯޓަށް ހާޒިރުކުރެވެން ނެތް ކަމަށެވެ. އެހެންކަމުން، ދެން އެ އަޑުއެހުން އޮންނާނީ އޭނާ ހޮސްޕިޓަލުން ދޫކޮށްލުމުން ކަމަށް ކޯޓުން ބުނެފައިވެއެވެ.

މި އަމަލުގެ ސަބަބުން ފެނަކައަށް ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، މި މައްސަލާގައި ދެން ދައުވާލިބުނު ފެނަކައިގެ ކުރީގެ އެމްޑީ މުހައްމަދު ސައީދުގެ މައްޗަށް މީގެކުރިން ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މީގެ އިތުރުން، 2018 ވަނަ އަހަރު ކެމެރާ ސިސްޓަމާއި ކޮމާންޑް ސެންޓަރު ގާއިމްކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމަށް ބުނެ ދީނާގެ މައްޗަށް އިތުރު ޝަރީއަތެއްވެސް ކްރިމިނަލް ކޯޓުގައި ހިނގަމުންދެއެވެ.