މި އަހަރުގެ ފަހު ކުއާޓާގެ ތެރޭގައި ރާއްޖެއަށް ޓޫރިސްޓުން ގެނައުމަށްޓަކައި އަލަށް 7 އެއާލައިނަކުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، މެދުއިރުމަތީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ ޓްރެވަލް ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި، އޭގެ ނޭދެވޭ އަސަރު މާޗް، އޭޕްރީލް އަދި މެއި މަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ވަރަށް ބޮޑަށް ކުރި ކަމަށެވެ. ނަމަވެސް އެ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ފެށި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިގޮތުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރާ އަޅާބަލާއިރު 24 ޕަސެންޓްގެ ދަށްވުމެއް އައިސްފައި އޮތް އޮތުން މިހާރު 2.6 ޕަސެންޓަށް ރިކަވާ ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މިއަހަރުގެ ފަހު ކުއާޓާގައި ފަތުރުވެރިކަމުގެ ވަރަށް އުންމީދީ މަންޒަރެއް ފެންނަމުންދާ ކަމަށާއި، މިދިޔަ އަހަރަށް ވުރެ މި އަހަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެގެން ނުދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސަރުކާރުން 2.5 މިލިއަން ޓޫރިސްޓުން ގެނައުމަށް ޓާގެޓް ކުރި ނަމަވެސް، ދުނިޔޭގެ ހާލަތަށް އަންނަ ބަދަލުތަކަކީ އަބަދުވެސް ކޮންޓްރޯލުން ބޭރުގައި ހުންނަ ކަންކަން ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ފަހު ކުއާޓާގައި ރާއްޖެއަށް ދަތުރުތައް ފަށާ 7 އެއާލައިނުގެ ތަފްސީލު ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އޭގެ ތެރޭގައި ހިމެނެނީ ރަޝިއާ، ބަލްގޭރިއާ، ވިއެޓްނާމް، އަރްމީނިއާ އަދި އިތިއޯޕިއަން އެއާލައިންސް ކަމަށެވެ. މީގެ އިތުރުން ފްރާންސްގެ ޕެރިހުން "ފްރެންޗް ބީ" އަދި ކުވައިތު އެއާވޭސް އިން ވެސް ރާއްޖެއަށް ދަތުރުތައް ބާއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި އެއާލައިންތަކުގެ ތެރެއިން ދެ އެއާލައިނަކީ މީގެ ކުރިން ވެސް ރާއްޖެއަށް ސީޒަނަލް ފްލައިޓްތައް އޮޕަރޭޓް ކޮށްފައިވާ އެއާލައިންތަކެކެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މިއީ ރާއްޖޭގެ މާކެޓަށް އަންނަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މިއީ މެދުއިރުމަތީގެ ހާލަތާ ގުޅިގެން ގެއްލިގެންދިޔަ ބައިނަލްއަގުވާމީ ކަނެކްޝަންތައް އަލުން އިއާދަކޮށް، ކުރިމަތިވި ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރާއި އިންޑަސްޓްރީ ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މި ބަދަލުތަކާއެކު ކުރިއަށް އޮތް ޓޫރިޒަމްގެ ޕީކް ސީޒަނަކީ ވަރަށް ކާމިޔާބު ސީޒަނަކަށް ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
