ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވައިފިއެވެ.

ޝިއުރީ އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ސާފުނުވާއިރު، ޝިއުރީ މި މަގާމަށް އައްޔަންކޮށްފައިވަނީ 13 ޖޫން 2024 ގައެވެ.

ޝިއުރީ އެމްޑީގެ މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

ޝިއުރީއަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ވިޔަފާރީގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރާ ހަވާލުވުމުގެ ކުރިން ޝިއުރީ ވަނީ ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމު އަދާކުރައްވާފައެވެ.

ޝިއުރީ ވަނީ މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ޕަބްލިކް ރިލޭޝަން އެންޑް ކޮމިއުނިކޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.

މީގެއިތުރުން ޝިއުރީ ވަނީ ގައުމީ އިނާމާއި ޒުވާނުންގެ އިނާމު ވެސް ހާސިލް ކުރައްވާފައެވެ.