ދިވެހި ރެޑް ކްރެސެންޓް (އެމްއާރްސީ) ގެ 17 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، އެ ޖަމްއިއްޔާއިން ތަރައްގީ ކުރަމުންދާ ކޮމާޝަލް އިމާރާތް "ދަ ކްރެސެންޓް ޓަވާ" ރަސްމީކޮށް އިފްތިތާހުކޮށް، އެ މަޝްރޫއުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނާ ގުޅިގެންނެވެ.
އާދީއްތަ ދުވަހު މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިމާރާތުގެ ނަމާއި ހާއްސަ ވެބްސައިޓް އިފްތިތާހުކޮށްދެއްވިއިރު، މި ރަސްމިއްޔާތުގައި ސަރުކާރާއި، ޑިޕްލޮމެޓިކް މިޝަންތަކާއި، އިންސާނީ އެހީދޭ ޖަމާއަތްތަކާއި، މާލީ ދާއިރާގެ އިތުރުން ވިޔަފާރި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ގާނޫނު ނަންބަރު 07/2009 ގެ ދަށުން އުފައްދާފައިވާ ދިވެހި ރެޑް ކްރެސެންޓުގެ މި އާ އިމާރާތަކީ، ހުޅުމާލެ ފޭސް 1 ގެ މިރިހިމަގުގައި ހުންނަ އެ ޖަމްއިއްޔާގެ އަމިއްލަ ބިމުގައި ތަރައްގީކުރާ 14 ފަންގިފިލާގެ އިމާރާތެކެވެ. ޖުމްލަ 70،000 އަކަފޫޓުގެ ޖާގަ ހިމެނޭ މި އިމާރާތުގައި ރެޑް ކްރެސެންޓުގެ މައި އިދާރާގެ އިތުރުން، ކުއްޔަށް ދޫކުރާ އޮފީސް އަދި ވިޔަފާރި ޖާގަތަކާއި، އިޖުތިމާއީ އެކިއެކި ހަރަކާތްތައް ހިންގުމަށް ހާއްސަ 'ކޮމިއުނިޓީ ހޯލް' އެއް ގާއިމުކުރެވޭނެއެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ދިވެހި ރެޑް ކްރެސެންޓުން މުޅި ރާއްޖޭގައި ދެމުންގެންދާ އިންސާނީ ހިދުމަތްތަކަށް ބޭނުންވާ ދެމެހެއްޓެނިވި މާލީ ފުދުންތެރިކަން ކަށަވަރުކުރުމެވެ.
މި މަޝްރޫއުގެ ފައިނޭންޝަލް އެޑްވައިޒާ އަދި ޕްރޮޖެކްޓް މެނޭޖަރެއްގެ ދައުރު އަދާކުރަނީ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނުންނެވެ. މި މަޝްރޫއު ބައްޓަންކޮށްފައިވަނީ އަމިއްލަ ވިޔަފާރިތަކާއި، މާލީ މުއައްސަސާތައް އަދި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަން އެކުލެވޭ 'ބްލެންޑެޑް ފައިނޭންސް' މޮޑެލްއަކަށެވެ.
މި މަޝްރޫއުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެންމެ ފުރަތަމަ ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ވަނީ ބައިވެރިވެފައެވެ.
ދަ ކްރެސެންޓް ޓަވަރު މަޝްރޫއުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަނިވި ގޮތްތަކަށް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ:
- ޑޯނާއެއްގެ ގޮތުގައި އެހީތެރިކަން ދިނުން (ވަކިވަކި ފަރުދުންނަށް 1،000 ރުފިޔާއިން ފެށިގެން އެހީވެވޭނެއެވެ).
- ވަކިވަކި ފްލޯތައް ނުވަތަ ޖާގަތައް ލީސްކުރުން.
- އިންވެސްޓްމަންޓް އަދި ފައިނޭންސް ކުރުން.
- މަޝްރޫއުގެ ވަކިވަކި ބައިތައް ކޯޕަރޭޓް ސްޕޮންސާޝިޕްގެ ދަށުން ސްޕޮންސާކުރުން (500،000 ރުފިޔާއިން ފެށިގެން އެހީވާ ފަރާތްތަކުގެ އަގުވަޒަންކޮށް، އިމާރާތުގެ 'ރިކޮގްނިޝަން ވޯލް' ގައި ނަން ހިމެނޭނެއެވެ).
މި މަޝްރޫއުގެ ޑިޒައިން ކޮންސެޕްޓާއި، ޖާގަތަކުގެ މައުލޫމާތު އަދި ބައިވެރިވުމުގެ ފުރުސަތުތަކާ ބެހޭ އިތުރު ތަފްސީލު ދަ ކްރެސެންޓް ޓަވާ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ފަސްޓް ނެޝަނަލްގެ އީމެއިލް ނުވަތަ ފޯނު ނަންބަރު 4009855 މެދުވެރިކޮށް ވެސް މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
