ސަރަޙައްދީ އެއްބާރުލުމަށް އޮތް އެންމެ ބޮޑު ޖަމްއިއްޔާ، ސާކްގެ ހަރަކާތްތައް ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް، އެމް.ޑީ. ގޮލާމް ސަރުވަރު ނުހަނު ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލް މިކަން ކަން ފާހަގަކުރެއްވީ، އެމަނިކުފާނުގެ މަގާމުގެ ދައުރު ހަމަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރެއްވި ވަދާއީ އިހްތިރާމްގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ސެކްރެޓަރީ ޖެނެރަލް ވަނީ ސާކް އުފެއްދުމުގެ ބާނީ މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއަކީ އެ ޖަމްއިއްޔާއަށް ނުހަނު މުހިންމު ގައުމެއްކަން ފާހަގަކުރައްވައި، ރާއްޖެއިން ދެއްވަމުންދާ ދެގޮތެއްނުވާ އެއްބާރުލުމަށްޓަކައި އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، ސާކްގެ ހަރަކާތްތައް އަލުން ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށްޓަކައި ސެކްރެޓަރީ ޖެނެރަލް ހާއްސަ ޝުކުރެއް ރައްދުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި އެމަނިކުފާނު ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ސާކް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ސަރަޙައްދީ ކުރިއެރުމަށް ސާކްއަކީ ކޮންމެހެން މުހިންމު ޖަމްޢިއްޔާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ސާކްގެ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުންނާއި، ސަރަހައްދީ ގުޅުން ބަދަހިކޮށް، ގުޅިގެން ކުރިއަށްދެވޭނެ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ބައްދަލުވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލްގެ ކުރިމަގުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ދިވެހިރާއްޖެއަކީ 8 ޑިސެމްބަރު 1985 ގައި ބަންގްލަދޭޝްގެ ޑާކާގައި ސާކް ޗާޓަރުގައި ސޮއިކޮށް، އެ ޖަމްއިއްޔާ އުފެއްދި ބާނީ މެންބަރުންގެ ތެރޭގައި ހިމެނޭ ގައުމެކެވެ.