"ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި، މިހާތަނަށް ކަނޑާއި ވައިގެ މަގުން 9،000 އަށްވުރެ ގިނަ އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފްގެ ރަސްމީ 'އެކްސް' އެކައުންޓުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި ވައިގެ މަގުން 7512 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1970.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާތަނަށް ވަނީ ބަލައި ފާސްކޮށްފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތަކުން ގެއްލުނު މީހުންގެ ނިޝާނެއް ފެނިފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ދޯނި ކަނޑުގަދަވެ ދިޔަވާން ފެށުމުންނެވެ. ޖުމްލަ 8 މީހުންނާއެކު ދަތުރުކުރި މި ދޯނި ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް، ދޯނި އަޑިއަށް ގޮސް ގެއްލިފައިވަނީ ދޯނީގެ ކެޕްޓަނާއި، އެހީތެރިކަން ފޯރުކޮށްދިނުމުގައި އުޅުނު ސިފައިންގެ މީހަކާއި ފުލުހެކެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ މެދުކެނޑުމެއްނެތި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި ވައިގެ މަގުން ސަރަހައްދު ބެލުމުގައި އެމްއެންޑީއެފް އެއާ ފޯސްގެ ވަސީލަތްތައް ދަނީ ބޭނުންކުރަމުންނެވެ.
