މާލޭގެ އަމީނީ މަގު މަރާމާތު ކުރުމުގެ މަޝްރޫއާ ގުޅުވައިގެން "އަސްލު ޓީވީ" އިން އާންމުކޮށްފައިވާ ވީޑިއޯ ރިޕޯޓަކީ އެއްވެސް ހަގީގަތެއް ނެތް، ބުހުތާނު ދޮގު މައުލޫމާތުގެ މައްޗަށް އެކުލެވޭ ރިޕޯޓެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީގެ އިހުމާލާއި، ރައްޔިތުން ރަތަށް" މި މައުޟޫއަށް އަސްލު ޓީވީން ތައްޔާރުކޮށްފައިވާ ރިޕޯޓަކީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި އަދި ކަމުގެ ހަގީގަތް ބަލައިލުމެއް ނެތި ޝާއިއުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ.

އަސްލު ޓީވީގެ ވީޑިއޯ ރިޕޯޓުގައި ވަނީ 84.4 މިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އެމްޓީސީސީން ކުރި މި މަސައްކަތް ވީ ބޮޑު އިސްރާފު މަސައްކަތަކަށްކަން ރައްޔިތުން ބުނަމުންދާކަމަށާއި، ދެވަނަ ފަހަރަށް ވެސް މަގު ހެދުމުގެ މި މަސައްކަތް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާ ކަމަށް ބުނެފައެވެ. އަދި އެމްޓީސީސީއަކީ މި މަސައްކަތަކަށް ގާބިލުކުންފުންޏެއްތޯ އެ ރިޕޯޓުގައި ވަނީ ސުވާލު އުފައްދާފައެވެ.

މި ވާހަކަތަކާ ގުޅިގެން އެމްޓީސީސީން ބުނީ މިފަދަ ދޮގު ރިޕޯޓެއް ޝާއިއުކުރުމުގެ މައިގަނޑު މަގުސަދަކީ އެ ކުންފުނީގެ މުވައްޒަފުން އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހޯދާފައިވާ ރައްޔިތުންގެ އިތުބާރާއި ރީތި ނަން ކިލަނބުކުރުން ކަމަށެވެ. އަދި އެ ކުންފުންޏާއި ރައްޔިތުންނާ ދެމެދު ފިތުނަފަސާދަ އުފައްދާ، ކުންފުނީގެ ކަސްޓަމަރުންނާއި ހިއްސާދާރުންނަށް މާލީ ގޮތުން ގެއްލުން ދިނުމަށް ހިންގާފައިވާ އަމަލެއްގެ ގޮތުގައިވެސް އެ ކުންފުނިން ވަނީ ސިފަކޮށްފައެވެ.

އަމީނީ މަގުގެ މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްދެމުން އެމްޓީސީސީން ބުނީ އަމީނީ މަގުގައި އެ ކުންފުނިން ކޮށްފައިވާ ހަމައެކަނި މަސައްކަތަކީ އަމީނީ މަގުގެ ހެންވޭރާ ވީ ކޮޅުގައ،ި ކުރީގެ މެރިން ރިސާޗް ސެންޓަރު ކަންމަތިން ފެށިގެން ސްޓެލްކޯއާ ދިމާވާ ސަރަހައްދުގައި ކޮށްފައިވާ ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކަމަށެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 9 ފެބްރުއަރީ 2023 ގައިކަމަށާއި، މަސައްކަތް ނިންމި ތާރީހަކީ 16 ފެބްރުއަރީ 2023 ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން އިތުރަށް ފާހަގަކުރި ގޮތުގައި، އެ ކުންފުނިން ކުރާ ކޮންމެ މަސައްކަތެއް ވެސް ކުރިއަށްގެންދަނީ ފަންނީ މާހިރުންގެ ލަފަޔާއި ތަޖުރިބާއާ އެކުގައެވެ. އަދި ރައްޔިތުންގެ ކުންފުނީގެ ހައިސިއްޔަތުން އަބަދުވެސް އިސްކަންދެނީ ރައްޔިތުންގެ ހެވާއި ލާބައަށް ކަމަށާއި، އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ ކަންތައްތަކެއް ކޮށްދެމުންދާކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ ދީފައެވެ.

އެއްވެސް ހަގީގަތެއް ނެތް މިފަދަ ދޮގު ވާހަކަތަކުގެ ސަބަބުން، ކުންފުންޏާއި ކުންފުނިން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާމެދު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ އިތުބާރު ފަނޑުވެގެން ދިއުމަކީ އިޔާދަނުކުރެވޭނެ ބޮޑު ގެއްލުމެއް ކަމަށްވެސް އެމްޓީސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.