އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރާއްޖޭގެ އެންމެ ފޯރިގަދަ މަސްވެރިކަމުގެ މުބާރާތް "އުރީދޫ މަސްރޭސް 2026" މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.

މިކަމާ ގުޅިގެން އުރީދޫއިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން މަސްރޭސް ބޭއްވުން ފަސްކުރެވިފައިވާ ކަމަށާއި، އަދި މުބާރާތް ބާއްވާނެ އާ ތާރީހެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށެވެ.

ޖުމްލަ 43،000 ރުފިޔާގެ ފައިސާގެ އިނާމުތަކާއެކު ބާއްވާ މި މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ކ. މާފުށީގައެވެ. މި ހަރަކާތް ކުރިއަށްގެންދަން ފުރަތަމަ ކަނޑައަޅާފައިވަނީ 7 އޮގަސްޓް 2026 ގައެވެ.

މި އަހަރުގެ މަސްރޭހުގެ އިނާމުތައް ކަނޑައެޅިފައިވާގޮތަށް ބަލާއިރު؛

  • ޗެމްޕިއަން ޓީމަށް: 25،000 ރުފިޔާ
  • ދެވަނަ ޓީމަށް: 10،000 ރުފިޔާ
  • ތިންވަނަ ޓީމަށް: 5،000 ރުފިޔާ
  • އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށާއި އެންމެ ބަރު މަސް ބާނާ ފަރާތަށް: 1،000 ރުފިޔާ ކަނޑައަޅާފައިވެއެވެ.

އުރީދޫ މޯލްޑިވްސް އިން މައުލޫމާތު ދޭ ގޮތުގައި މި މުބާރާތުގައި ގިނަވެގެން ބައިވެރިވެވޭނީ 20 ޓީމަށެވެ. 20 ޓީމަށްވުރެ ގިނައިން ރަޖިސްޓްރީވާނަމަ ފުރުސަތު ދެވޭނީ ފުރަތަމަ ރަޖިސްޓްރޭޝަން ފުރިހަމަކޮށް ފައިސާ ދައްކާ 20 ޓީމަށެވެ.

އުރީދޫ މަސްރޭހަކީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ، މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫޙު އާލާކޮށްދޭ ހަރަކާތެކެވެ.