ލޫޕްކްރާފްޓް ގޭމިން ޕްލެޓްފޯމް މެދުވެރިކޮށް، ގޭމް ކުޅެގެން ރާއްޖޭގެ ރިސޯޓުތަކުން ހިލޭ ޗުއްޓީ ހޯދުމުގެ ފުރުސަތާއެކު ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި ހޭއި ޓްރެވަލާސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ. ހޭއި ޓްރެވަލާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނަސްރު ދީންއެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ ދިވެހި ޑިޖިޓަލް ކުންފުންޏެއް ކަމަށްވާ ހޭއި ޓްރެވަލާސް އިން ތަރައްގީކޮށްފައިވާ މި ގޭމިން އެޕްލިކޭޝަނަކީ ވާޗުއަލްކޮށް ރާއްޖޭގެ ރިސޯޓުތައް ތަޖުރިބާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ އިންޓަރެކްޓިވް ގޭމެއްކަމަށެވެ. އަދި މި ގޭމް ކުޅޭ ފަރާތްތަކަށް ރާއްޖޭގެ ރިސޯޓުތައް ވާޗުއަލްކޮށް ބަލާލުމާއި، ތަފާތު "ކުއެސްޓް"ތައް ފުރިހަމަކޮށްގެން ޕޮއިންޓް ހޯދުމުގެ ފުރުސަތު ލިބޭނެކަމަށެވެ.
މި ޕޮއިންޓްތައް ބޭނުންކޮށްގެން ރާއްޖޭގެ ރިސޯޓުތަކުން ހިލޭ އެކޮމޮޑޭޝަން ނުވަތަ ޗުއްޓީ ދަތުރުތައް ކާމިޔާބުކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ގޭމް ކުޅޭ ފަރާތްތަކަށް އަމިއްލަ އެވަޓާ އުފެއްދުމާއި، ރިސޯޓުތަކުގެ އަސްލު މާހައުލު ތަޖުރިބާކުރުމުގެ އިތުރުން އަމިއްލައަށް ރިސޯޓެއް ފަރުމާކުރުމުގެ ފުރުސަތު ވެސް މި އެޕްލިކޭޝަންގެ ތެރެއިން ލިބިގެންދާނެކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.
މި ކަމާ ގުޅިގެން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޝިއުރީ ވިދާޅުވީ މިއީ ރާއްޖެ އިޝްތިހާރުކުރުމަށް މުޅިން އާ އަދި ހަރަކާތްތެރި އޯޑިއަންސަކަށް ވާސިލްވުމަށް ހުޅުވިގެންދިޔަ މުހިންމު ފުރުސަތެއް ކަމަށެވެ. އެގޮތުން ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ ޒުވާނުންނާއި އެކަނި ދަތުރުކުރާ ފަރާތްތަކަށް މި އީޖާދީ ގޮތްތައް މެދުވެރިކޮށް ރާއްޖޭގެ މައުލޫމާތު ފޯރުކޮށްދީ ދަތުރުކުރުމުގެ ޝައުޤުވެރިކަން އިތުރުކުރެވޭނެ ކަމަށް ޝިއުރީ ވަނީ ފާހަގަކުރައްވާފައެވެ.
މި އެއްބަސްވުމުގެ ދަށުން ލޫޕްކްރާފްޓް އެޕްލިކޭޝަންގެ އެކްސްކްލޫސިވް "ޑެސްޓިނޭޝަން ޕާޓްނަރު" ގެ މަގާމު ވިޒިޓް މޯލްޑިވްސް އަށް ދެވިފައިވާއިރު ގޭމް ބޭނުންކުރާ ފަރާތްތަކުގެ ތަފާސްހިސާބުތަކަށް ބަލާ ކުރިއަށް އޮތް ތަނުގައި ޑިޖިޓަލް މާކެޓިން ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ ހަމަޖެހިފައެވެ.
