ސަރުކާރުން ތަރައްގީކުރަމުންދާ ކުޅިވަރު ވަސީލަތްތައް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން އއ. އުކުޅަހުގައި ތަރައްގީކުރި ޒަމާނީ ވޮލީބޯޅަ ކޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
އުކުޅަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކޯޓު ހުޅުއްވައިދެއްވިއިރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ޔޫތް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ކޯޓަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށް، ޒުވާނުންނަށް ސިއްހަތަށް ފައިދާހުރި ދުޅަހެޔޮ މާހައުލެއް ބިނާކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ނިންމި މުހިންމު މަޝްރޫއެއްކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފައެވެ.
އުކުޅަހަކީ ފަތުރުވެރިކަމުގައި ފާހަގަކޮށްލެވޭ ރަށަކަށްވުމާއެކު، ރަށުގެ އިޖުތިމާއީ އަދި ކުޅިވަރުގެ ވަސީލަތްތައް ވަރުގަދަކުރުމަކީ ރަށުގެ އިގުތިސާދަށާއި ޒުވާނުންގެ އިޖުތިމާއީ ރޫހަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
މި މަޝްރޫއަކީ މީއެކްސްޕާޓް ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދެވުނު މަޝްރޫއަކަށްވާއިރު މި މަޝްރޫއު ހަވާލުކޮށްފައިވަނީ 1 ޖޫން 2023ގައެވެ.
