މުސްތަގުބަލުގެ ޖީލުތަކަށް އިގުތިސާދީ ގޮތުން ދުޅަހެޔޮ އަދި ޑިމޮކްރަސީގެ ހަމަތައް ހިފަހައްޓާ ފާގަތި މުޖުތަމައެއް ފޯރުކޮށްދިނުމަށްޓަކައި، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި އިޚުލާސްތެރިކަމާއެކު އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ބޭއްވި، "ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް" ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައި.ޑީ.އައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމެއްގެ ހަމަޖެހުމާއި ތަރައްޤީ ބިނާވެފައިވަނީ އެ ގައުމެއްގެ މުއައްސަސާތަކުގެ ވަރުގަދަކަމުގެ މައްޗަށް ކަމަށެވެ. އަދި ދައުލަތުގެ މާލީ ކަންކަން ދެފުށްފެންނަ ގޮތަކަށް ބެލެހެއްޓުމަކީ ރައްޔިތުންގެ އިތުބާރު ސަރުކާރަށް ލިބި، ވިލުންތެރި ގައުމެއް ބިނާކުރުމަށް އޮތް އެންމެ ބޮޑު ބާރު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދައުލަތުގެ މާލިއްޔަތަށް ލިބޭ ކޮންމެ ފައިސާއަކީވެސް އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ރައްޔިތުންގެ ފައިދާއަށްޓަކައި ހޭދަކުރެވޭ ފައިސާކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ. އަދި ޖަވާބުދާރީވުމުގެ ސިފައަކީ ހަމައެކަނި އިދާރީ ހިންގުމުގެ ބައެއް ނޫން ކަމަށާއި، އެއީ ގައުމެއް ކުރިއެރުވުމަށް ބޭނުންވާ އެންމެ މުހިންމު އެއް ވަސީލަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުދި ޖަޒީރާ ގައުމުތަކަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ގިނަ ގައުމުތަކަކީ ދަރަނި މެނޭޖުކުރުމުގެ ތެރެއިން ކުރިމަގަށް އިންވެސްޓްކުރާ ގައުމުތަކެއް ކަމަށެވެ. އެގޮތުން، ބޭރުގެ އެކި ފިއްތުންތަކާ އެކުވެސް ދިވެހިރާއްޖެއިން އަންނަނީ ދައުލަތުން އަދާކުރަންޖެހޭ މާލީ ޒިންމާތައް ފުރިހަމައަށް އަދާކުރަމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އުކުޅަހުގައި ބޭއްވި ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް ނިންމުމާއި އައި.ޑީ.އައި ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

މީގެ އިތުރުން، ޓެކްނޮލޮޖީގެ އެހީގައި ދައުލަތުގެ ހިންގުން ޒަމާނީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން "މޯލްޑިވްސް 2.0" ގެ ދަށުން ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަކީ ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ޖޯގުރަފީ ގޮންޖެހުންތަކަށް އޮތް ހައްލެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ކުރިއަށް އޮތް ހަތަރު އަހަރުގެ ސްޓްރެޓީޖިކް ޕްލޭންވެސް އިފުތިތާހުކޮށްދެއްވާފައެވެ. އުކުޅަހުގައި ބޭއްވި މި ބައްދަލުވުމުގައި ސިޑްސްގެ ގައުމުތަކުގެ އޮޑިޓް އިދާރާތަކުން ބައިވެރިވެ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.